ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ޗެކިއާ އަތުން 2-1ގެ ނަތީޖާއަކުން ކޮރެޔާ މޮޅުވި މެޗުގައި، އެ ގައުމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ފޯވަޑް އޮހައިގް ޔޫ، މެޗަށްފަހު އެ ގައުމުގެ މެޑިކަލް ޓީމަށް ހާއްސަ ޝުކުރެއް އަދާކޮށްފިއެވެ.
އޭނާ ހާމަކުރި ގޮތުގައި މެޗަށް ނުކުތްއިރު ވެސް އޭނާ ހުރީ ގަދައަށް ހުން އައިސްފައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އޮހައިގް ބުނީ އޭނާގެ ހަށިގަނޑުގެ ފިނިހޫނުމިން 38ޑިގްރީގައި ހުރުމުން، މެޗުގައި ކުޅެވިދާނެ ކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށެވެ. ނަމަވެސް މެޑިކަލް ޓީމުގެ ފަރުވާގެ ސަބަބުން މެޗުގައި ކުޅުމުގެ ފުރުސަތު ލިބުނުކަން އޭނާ ފާހަގަކުރިއެވެ.
"އަހަރެންގެ އިހުސާސްތައް ބުނެދޭކަށް ވެސް ނޭނގެ. އަހަރެންގެ ބޮޑީ ޓެމްޕަރޭޗަރ މިއަދު ވެސް ހުރީ 38ޑިގްރީގައި. ސަބަބަކީ އަހަރެންގެ ހާލަތު އެހާ ރަނގަޅެއް ނޫން. އަހަރެން ހުރީ ކަންބޮޑުވެފައި އަހަރެންނަށް ކުޅެވިދާނެ ކަމާ މެދު ވެސް. އަހަރެންނަށް ކުޅެވުނީ މެޑިކަލް ޓީމުގެ ސަބަބުން. ވޯލްޑް ކަޕުގައި ކުޅުމަކީ ވަރަށް ހާއްސަ ކަމެއް. އަހަރެން މިކަމަށް ޓަކައި މެޑިކަލް ޓީމަށް ޝުކުރު އަދާ ކުރަން ޖެހޭ" އޮހައިގް ބުންޏެވެ.
މި މެޗުން ކޮރެޔާ މޮޅުވީ މެޗު ނިމެން 10މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުންނެވެ. މިއީ ވޯލްޑް ކަޕުގައި އެންމެ ފަހުން ކޮރެޔާ މޮޅުވި ފަސް މެޗުގައި ވެސް ކަން ހިނގާފައިވާ ގޮތެވެ. މެޗަށްފަހު ކޮރެޔާގެ ކޯޗު ހުން މިޔުންގް ބޯ ބުނީ، މެޗު އެއްވަރު ނުވެ އެޓީމު މޮޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
"މިއީ އަހަރުމެންގެ ފުރަތަމަ މެޗު. ވަރަށް އުނދަގޫ މެޗެއް. މި މެޗުން މޮޅުވުމުން އަހަރެން މިހުރީ އުފަލުން. އެކަމަކު އެއަށް ވުރެ ބޮޑަށް އުފާވަނީ ކުޅުންތެރިން ދޫނުދީ ކުޅެގަތުމުން. އަހަރެންނަށް އެނގޭ އަހަރުމެން 1-1އިން މެޗު އެއްވަރުވާ ވަރަށް ވުރެ މޮޅަށް ކުޅުނުކަން. ކުޅުންތެރިން ފަހަތުން އަރައި މޮޅުވާން ކުރި ހިތްވަރަށް ސާބަސް" ކޯޗު ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ކޮރެޔާގެ އިތުރުން ހިމެނެނީ މުބާރާތް ބާއްވާ ތިން ގައުމުގެ ތެރޭގައި ހިމެނޭ މެކްސިކޯއާއި، ދެކުނު އެފްރިކާގެ އިތުރުން ޗެކިޔާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.