ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޤައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގަތައް ވާދަކުރި ވަރުގަދަ ޓީމުތަކުން ކަށަވަރުކޮށްފިއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުން ސެމީގެ ޖާގަތައް ހޯދާފައި ވަނީ ސަން ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ހެންވެރިއަންސްގެ އިތުރުން ސްޕޯޓްސް ކްލަބް ސިޓީއާއި ލަޔަން ރިކްރިއޭޝަން ކްލަބެވެ. އަދި އަންހެން ޑިވިޝަނުގެ ސެމީއަށް ދަތުރުކުރީ އެމްޓީސީސީއާއި ރާއްޖެ ސްޕޯޓްސްގެ އިތުރުން އިތުރުން ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަންއާއި ހެޕީ ސްޕޯޓްސް ކުލަބެވެ.
އަންހެން ޑިވިޝަނުގެ ސެމީގެ ފުރަތަމަ ޖާގަ އެމްޓީސީސީން ކަށަވަރުކުރީ ރާއްޖެ ވޮލީ ކްލަބާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި ޑިވިޝަނުން ސެމީގެ ފަހު ޖާގަ ހޯދި ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަނުން ވަނީ ރިވޮލިއުޝަނަރީ ބޮޑުފުޅަދޫގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފައެވެ.
ފިރިހެން ޑިވިޝަނަށް ބަލާއިރު، ސަން ސްޕޯޓްސް ކްލަބުން ސެމީގެ ޖާގައެއް ހޯދީ ޔުނައިޓެޑް ހެންވޭރިއަންސް (ޔޫއެޗް)އާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ހަތަރު ސެޓަށް ދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 18-25 އިން ސަން ސްޕޯޓްސްއިން ގެންގޮސްފައި ވަނިކޮށް، ޔޫއެޗްއިން ވަނީ ފަހަތުން އަރައި 25-23 އިން ދެވަނަ ސެޓު ހޯދައި މެޗު އެއްވަރުކޮށްފައެވެ. ނަމަވެސް، ސަން ސްޕޯޓްސްއިން ވަނީ އިތުރު ހިތްވަރެއްލައި ބާކީ އޮތް ދެ ސެޓު 25-16 އަދި 25-18 އިން ކާމިޔާބުކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.
ފިރިހެން ޑިވިޝަނުގެ ސެމީގެ ފަހު ޖާގަ ސްޕޯޓްސް ކްލަބް ސިޓީން ހޯދީ ލަޔަންސް ރެކްރިއޭޝަން ކްލަބާ ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެޓީމުން މެޗުގެ ސެޓުތައް މާ ބޮޑު އުނދަގުލަކާ ނުލައި ގެންދިޔައީ 25-20، 25-20 އަދި 25-14 އިންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުޅުން މި މަހުގެ 1 އިން 11 އަށް ކުރިއަށްދާއިރު، އަށް ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޑިވިޝަނުގައި ޖުމްލަ 24 ޓީމެއް ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މި މަހުގެ 3އިން 11 އަށް ކުރިއަށްދާއިރު، ހަތަރު ޕޫލަކަށް ބަހާލައިގެން ކުރިއަށްދާ މި ޑިވިޝަނުގައި 13 ޓީމަކުން ވާދަކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.