އެސްޓަން ވިލާގެ ހުނަރުވެރި ، ޒުވާން މިޑްފީލްޑަރ މޯގަން ރޮޖާސް ހޯދުމަށް އާސެނަލް، ޗެލްސީ އަދި މެންޗެސްޓަރ ސިޓީން މަސައްކަތް ކުރަމުންދާއިރު، މެންޗެސްޓަރ ޔުނައިޓެޑުން ވެސް މި ރޭހަށް ވަދެއްޖެއެވެ.
މެންޗެސްޓަރގެ ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑުން ދެކެނީ ރޮޖާސްއަކީ ބްރޫނޯ ފެނާންޑޭޒްގެ ބަދަލުގައި ދިގު މުއްދަތެއްގެ ރިޕްލޭސްމަންޓެއްގެ ގޮތުގައެވެ. ކްލަބުގެ ކެޕްޓަން އުމުރުން 32އަހަރުގެ ބުރޫނޯ ފެނާންޑޭޒް ޓީމު ދޫކޮށް ދިޔުމުގެ ވިސްނުމެއް ނެތް ނަމަވެސް ރޮޖަރސްއަކީ އޭނާ ނެތް ތަން ފޫބައްދާނެ ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑުން ދެކެއެވެ.
އެސްޓަން ވިލާގެ ތަރިއަށް ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގެ ކުރިން ބޮޑު ޝައުގުވެރިކަމެއް ލިބެމުންދާއިރު، އޭނާއަކީ ކުރިއަށް އޮތް ވޯލްޑް ކަޕްގައި އިންގްލެންޑަށް މުހިންމު ދައުރެއް އަދާކުރުމަށް ތައްޔާރުވަމުންދާ ކުޅުންތެރިއެކެވެ.
ރޮޖަރސް ވަނީ ނިމިދިޔަ ސީޒަނުގައި ވިލާގައި ހުރިހާ މުބާރާތެއްގައި 14 ލަނޑު ޖަހައި 12 އެސިސްޓް ހަދައިގެން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކައިފައެވެ.
ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ހޫނު މޫސުމުގެ ޓާގެޓްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ނަމަކީ ވެސް ރޮޖަރސްއެވެ. ނަމަވެސް އޭނާއަށް އޮތް ބޮޑު ޑިމާންޑެއްގެ ސަބަބުން އާޓެޓާ ވަނީ އެހެން ދިމާތަކަށް ވެސް ކަޅިއަޅަން ފަށައިފައެވެ. އެ ގޮތުން ޔުނައިޓެޑުން ވެސް ފާރަލާ މޯގަން-ގިބްސް ވައިޓަކީ ރޮޖަރސް ނުލިބޭ ހާލަތަކަށް އާސެނަލުން ބަލާ ނަމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.