ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮޖާސްގެ އަގު އުފުލި އާސެނަލްއަށް ގޮންޖެހުން

ޝެއާ ކުރޭ Facebook Telegram Viber X

މޯގަން ރޮޖާސްއަކީ މި ހޫނު މޫސުމުގައި އާސެނަލްގެ ޓްރާންސްފާ ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިއެކެވެ. އަދި މި އެއްބަސްވުން ކާމިޔާބުވެއްޖެ ނަމަ އޭނާ ވެގެންދާނީ ބޮޑު އަގަކަށް ސޮއިކުރާނެ ކުޅުންތެރިއަކަށެވެ. ނަމަވެސް، އޭނާގެ އަގާ މެދު މިހާރު އޭނާ ވަނީ އަމިއްލަ ހިޔާލު ހާމަކޮށްފައެވެ.

އެލިއަޓް އެންޑަސަން 116 މިލިއަން ފައުންޑުގެ ފީއަކަށް މެންޗެސްޓަރ ސިޓީއާ ގުޅުމާ ގުޅިގެން، މީޑިއާތަކާއި ސަޕޯޓަރުން، ހާއްސަކޮށް އެސްޓަން ވިލާގެ ސަޕޯޓަރުން ދަނީ ޔުރޮޕާ ލީގު ކާމިޔާބުކުރި ކުޅުންތެރިޔާގެ އަގު އޭނާގެ ގައުމީ ޓީމުގެ ބައިވެރިޔާއަށް ވުރެ ވެސް ބޮޑުވާނެ ކަމަށް ބުނަމުންނެވެ.

130 މިލިއަން ފައުންޑަކީ ގިނަ ބަޔަކު ބުނަމުންދާ އަދަދެވެ. މިއާ އެކު ތަފާތު ހިޔާލުތަކާއި ޝުއޫރުތައް ފާޅުވަމުންދާއިރު، މި ޓްރާންސްފާ ބާޒާރުގައި އާސެނަލްއަށް ބަދަލުވުމަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ އަގާ މެދު ރޮޖާސް އަމިއްލައަށް މިހާރު ވަނީ ވާހަކަދައްކާފައެވެ.

މޭ މަހުގެ ތެރޭގައި ހާމަވި ގޮތުގައި، މި ހޫނު މޫސުމުގައި ރޮޖާސް ހޯދުމަށް އާސެނަލްއިން ދަނީ "ސީރިއަސްކޮށް މަސައްކަތް ކުރަމުންނެވެ". އެ ވަގުތު އެސްޓަން ވިލާއިން އޭނާގެ އަގު 80 މިލިއަން ފައުންޑަށް ވުރެ މަތީގައި ކަނޑައަޅާފައިވާއިރު، ހުރިހާ ފަރާތްތަކަކަށް އެއްބަސްވެވޭ ފަދަ ޑީލެއް ލިބިއްޖެ ނަމަ އޭނާ ވިއްކާލާނެ ކަމަށް ބެލެވުނެވެ.

ނަމަވެސް، އޭގެ ފަހުން ޕްރިމިއާ ލީގުގެ އެހެން ކުޅުންތެރިންގެ ޓްރާންސްފާތައް ހިނގާދިޔަ ގޮތުން، އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާގެ އަގު ވަނީ 50 މިލިއަން ފައުންޑް އިތުރުވެ، 130 މިލިއަން ފައުންޑަށް އުފުލިފައެވެ.

"އަހަންނަކީ އެވަރުގެ އަގެއް ހުރި މީހެއް ކަމެއް އަހަންނަކަށް ނޭނގެ! ހަމަޔަގީނުން ވެސް، މީހުން އެފަދަ ވާހަކަތައް ދައްކާ އަޑުއެހުމަކީ އުފާވެރިކަމެއް، އެކަމަކު ބޭރުން އިވޭ އަޑުތަކުގެ ސަބަބުން އަހަރެންގެ ކުޅުމަށް ބަދަލެއް ނާންނާނެ. އަހަރެން ހަމައެކަނި ސަމާލުކަން ދޭނީ އަހަރެންގެ ކުޅުމަށް، އަދި އަހަރެންގެ ގޮތުގައި ކުރިއަށްދާނީ."އޭނާއަކީ އެވަރުގެ އަގެއް ހުރި ކުޅުންތެރިއެއްތޯ ސުވާލުކުރުމުން ރޮޖާސް ބުންޏެވެ.

ގިނަ ބަޔަކު ހީކުރި ފަދައިން، އިންގްލެންޑް ގައުމީ ޓީމަށް 18 މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ހުރީ ވަރަށް މަޑުމައިތިރިކޮށެވެ. އަދި އޭނާގެ އަގު އެވަރުވާނެ ކަމާ މެދު ޝައްކު އުފެއްދިއެވެ. ނަމަވެސް އޭނާ ވިއްކާލާނެ ފަހުގެ އަގު ކަނޑައަޅާނީ އޭނާއެއް ނޫނެވެ. އެ އަގު ކަނޑައަޅާނީ އެސްޓަން ވިލާއާއި އޭނާ ގަންނަ ކްލަބަކާ ދެމެދުގައެވެ.

އާސެނަލް އިން ރޮޖާސްގެ އަގު ކަމަށްވާ 130 މިލިއަން ފައުންޑް ދައްކައިފި ނަމަ، އޭނާ ވެގެންދާނީ ތާރީޚުގައި ވެސް އެންމެ އަގުބޮޑު އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާނެ ކުޅުންތެރިޔާއަށެވެ. މި ރެކޯޑް މީގެ މަދު ދުވަސްކޮޅެއް ކުރިން ގާއިމުކުރީ 116 މިލިއަން ފައުންޑަށް މޭން ސިޓީއަށް ބަދަލުވި އެންޑަސަންއެވެ.

މި ފީގެ ސަބަބުން، ޖުލައި 2023ގައި ޑެކްލަން ރައިސް ހޯދުމަށް އާސެނަލްއިން ވެސްޓް ހޭމް އަށް ދެއްކި 105 މިލިއަން ފައުންޑާއި، ހަމަ އެ އަހަރު ޖޫޑް ބެލިންހަމް ހޯދުމަށް ރެއާލް މެޑްރިޑުން ހޭދަކުރި 115 މިލިއަން ފައުންޑަށް ވުރެ އޭނާގެ ޓްރާންސްފާ އަގު ބޮޑުވެގެންދާނެއެވެ.

މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު އަދަދެކެވެ. ނަމަވެސް، އެހެން ކުޅުންތެރިން ބޮޑެތި އަގުތަކުގައި ކްލަބްތައް ދޫކޮށްދާތަން ވިލާއަށް ފެންނަމުންދާ ނަމަ، ރޮޖާސްއަށް ވެސް އެންމެ ރަނގަޅު އަގެއް ހޯދުމަށް އެ ކްލަބުން މަސައްކަތް ކުރާނެކަން ކަށަވަރެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް އާސެނަލްއިން އެވަރުގެ އަދަދެއް ހޭދަކުރަން ތައްޔާރަށް އޮތްތޯ އަދި އޮތީ ބެލުމެވެ. ނަމަވެސް، އޭނާގެ ޓްރާންސްފާ ކާމިޔާބުވެއްޖެ ނަމަ، އޭނާ ވެގެންދާނީ ޓީމަށް ލިބޭނެ ވަރަށް މުހިންމު އިތުރުވުމަކަށް ކަން ޔަގީނެވެ.

ކުޅުންތެރިޔާ އަމިއްލައަށް ދެކޭ ގޮތުގައި އޭނާގެ އަގު އެވަރެއް ނުވެއެވެ. ދެން އޮތީ އާސެނަލްއިން އޭނާގެ އަގު އެވަރުވާނެ ކަމަށް ދެކި، އޭނާގެ ސޮއި ހޯދުމަށް ފައިސާ ހޭދަކުރަން ތައްޔާރަށް އޮތްތޯ ބެލުމެވެ.

ރޮޖާސް މިވަގުތު ތައްޔާރުވަމުންދަނީ އިންގްލެންޑާއެކު ވޯލްޑް ކަޕްގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެހެންކަމުން، އޭނާގެ މުސްތަގުބަލާ މެދު ވަކި ގޮތެއް ނިންމާނީ މި މުބާރާތް ނިމުމުން ކަމަށް ބެލެވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު