އޮޑި ސްޕޯޓްސް ކުލަބަށް ކާމިޔާބު ސީޒަނެއް ހޯދައިދިނުމަށް ފަހު އެ ކުލަބު ދޫކޮށްލި ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ، އެ ކުލަބުގައި ހޭދަކުރި ދުވަސްތަކަކީ އޭނާގެ މުޅި ކެރިއަރުގައި ވެސް އެންމެ ކާމިޔާބު ސީޒަން ކަމަށް ބުނެފިއެވެ.
ގާސިއާ އޮޑި ސްޕޯޓްސް ދޫކޮށްލަން ނިންމީ އެހެން ކުލަބަކުން އޭނާއަށް ލިބުނު ރަނގަޅު ހުށަހެޅުމަކާ ގުޅިގެންނެވެ.
ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރި އޮޑި ސްޕޯޓްސްއިން ވަނީ ގާސިއާގެ އިރުޝާދުގެ ދަށުން ފާހަގަކޮށްލެވޭ ފަދަ ތާރީޚީ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެ ޓީމުން ވަނީ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ މަގާމުގައި އޮވެ ސީޒަން ނިންމާލާފައެވެ.
އޮޑި ސްޕޯޓްސްއާ ވަކިވިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ގާސިއާ ބުނީ، 2025ވަނަ އަހަރުގެ އޯގަސްޓް މަހު މި ދަތުރު ފެށިއިރު، ރާއްޖޭގެ ބޮޑެތި ބާރުތަކާ ވާދަކޮށް މިފަދަ ބޮޑު ކާމިޔާބީއެއް ހޯދިދާނެ ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށެވެ.
"މިއީ އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ހޭދަކުރި އެންމެ ފުރިހަމަ ސީޒަން. އަދި މިއީ ލިބުނު ވަރަށް އުފާވެރި ތަޖުރިބާއެއް"
ގާސިއާ ލިޔެފައިވެއެވެ. މީގެ އިތުރުން އޭނާއަކީ އަބަދުވެސް އެ އޮޑީގެ ފަޅުވެރިއެއްގެ ގޮތުގައި ދެމިހުންނާނެ މީހެއް ކަމަށާއި، ކޮންމެ ތަނެއްގައި ހުރި ނަމަވެސް އަބަދުވެސް އޮޑި ސްޕޯޓްސްއަށް ސަޕޯޓުކުރާނެ ކަމަށް އޭނާ ބުންޏެވެ.
އޮޑި ސްޕޯޓްސްގެ ހެޑް ކޯޗުގެ މަގާމުން ގާސިއާ ވަކިވިއިރު، މިދިޔަ މެއި މަހުގެ ތެރޭގައި އެ ކުލަބުން ވަނީ އޮޑި ސްޕޯޓްސް އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އޭނާއަށް ހަވާލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.