ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޝަނުގެ ފަސްވަނަ ދުވަހުގެ މެޗުތައް ނިމުނުއިރު، ފިރިހެން ޑިވިޝަނުގެ ޕޫލް އޭ ގެ އެއްވަނައިގައި ފަސް ޕޮއިންޓާއެކު ޔުނައިޓެޑް ހެންވޭރިއަންސް އޮތީ ތާވަލުގެ އެންމެ ކުރީގައެވެ.
އިއްޔެ ކުޅެވުނު ފޯރިގަދަ މެޗުތަކުން ޔުނައިޓެޑް ހެންވޭރިއަންސްގެ އިތުރުން އަސްދިގާ ސްޕޯޓްސް ކްލަބް، ސަން ސްޕޯޓްސް ކްލަބް، ކްލަބް ހާފްލައިން ލިންކޭޖް، ލަޔަންސް ރެކްރިއޭަން ކްލަބް އަދި ސްޕޯޓްސް ކްލަބް ސިޓީ ވަނީ މޮޅުވެފައެވެ.
އިއްޔެގެ ފުރަތަމަ މެޗަކީ އަންހެން ޑިވިޝަނުގެ މެޗެކެވެ. މި މެޗުގައި އަސްދިގާ ސްޕޯޓްސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ބްލޫސް ފޯރ ވޮލީބޯލް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަސްދިގާއިން ގެންދިޔައީ 18-07، 18-12 އަދި 18-11އިންނެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ސަން ސްޕޯޓްސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ސަނީ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް ނިމުނީ 18-14، 18-16 އަދި 18-19އިންނެވެ.
ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗުގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް (އޭއޭއައި) އާއި ކްލަބް ހާފްލައިން ލިންކޭޖް ބައްދަލުކުރި މެޗު 3-2 ސެޓުން ކާމިޔާބުކުރީ ހާފްލައިންއެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 118-11 އަދި 18-12އިން އޭއޭއައި ގެންގޮސްފައި ވަނިކޮށް، ހާފްލައިން އިން ވަނީ ޖެހިގެން އައި ދެ ސެޓު 18-13 އަދި 18-14އިން ކާމިޔާބުކޮށް މެޗު އެއްވަރުކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 15-09 އިން ހާފްލައިން ކާމިޔާބުކުރިއެވެ. މީގެ އިތުރުން، ލަޔަންސް ރެކްރިއޭޝަން ކްލަބުން ވަނީ 3-1 ސެޓުން ޔޫތް ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-10، 18-12، 19-17 އަދި 18-13އިންނެވެ.
ފިރިހެން ޑިވިޝަނުގެ ހަތަރުވަނަ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީން ވަނީ ވިލިނިގިލީ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-08، 18-05 އަދި 18-06އިންނެވެ. އިއްޔެގެ ފަހު މެޗުގައި ޔުނައިޓެޑް ހެންވޭރިއަންސް އިން މާތޮޑާ ސްޕޯޓްސް ކްލަބް ބަލިކުރީ ފަސް ސެޓަށް ދިޔަ ފޯރިގަދަ ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 10-18، 18-10، 13-18، 18-13 އަދި 15-12އިންނެވެ.
މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު، ފިރިހެން ޑިވިޝަނުގެ ޕޫލް އޭ ގެ އެއްވަނައިގައި ޔުނައިޓެޑް ހެންވޭރިއަންސް އޮތީ 5 ޕޮއިންޓާއެކުއެވެ. ޕޫލް ބީ ގެ އެއްވަނައިގައި 3 ޕޮއިންޓާއެކު ލަޔަންސް އޮތްއިރު، ޕޫލް ސީ ގެ އެއްވަނައިގައި 3 ޕޮއިންޓާއެކު އޮތީ ސްޕޯޓްސް ކްލަބް ސިޓީއެވެ. އަދި ޕޫލް ޑީ ގެ އެއްވަނައިގައި 3 ޕޮއިންޓާއެކު އޮތީ ސަން ސްޕޯޓްސްއެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް މި މަހުގެ 1އިން 11އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާއިރު، 8 ޕޫލަކަށް ބަހާލައިގެން 24 ޓީމު ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މި މަހުގެ 3 އިން 11 އަށް ކުރިއަށްދާއިރު، މި ޑިވިޝަނުގައި 13 ޓީމު ވާދަކުރަނީ 4 ޕޫލަކަށް ބަހާލައިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.