ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅެވުނު ފައިނަލް މެޗުގައި ބ. ގޮއިދޫގެ މައްޗަށް ކުރިހޯދައި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރި ރާއްޖެ ސުޕަރ ލީގު 2026ގެ ފިރިހެން ބައިގެ ޓްރޮފީ ވ. ފެލިދޫން ކާމިޔާބުކޮށްފިއެވެ.
ޖުމްލަ ހަތް ޓީމަކުން ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ފެލިދޫން ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ފައިނަލް މެޗުގައި ގޮއިދޫއާ ވާދަކޮށް ފެލިދޫން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ފެލިދޫން ކާމިޔާބުކޮށްފައިވަނީ 25-21، 25-16އަދި 25-23އިންނެވެ. މުބާރާތުގެ އެއްވަނަ ޓީމަށް ތައްޓާއި މެޑަލްތައް ޙަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނު، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މީގެ އިތުރުން މުބާރާތުގެ ތިންވަނަ ޓީމަށް ދޭ ލޯ މެޑަލް ހާސިލުކުރީ ތ. ހިރިލަންދޫންނެވެ. އިއްޔެ ހަވީރު ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި ލ. ފޮނަދޫއާ ވާދަކޮށް، ހިރިލަންދޫން މޮޅުވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-21، 25-21އަދި 25-18އިންނެވެ.
މިއަހަރުގެ ރާއްޖެ ސުޕަރ ލީގުގެ ފިރިހެން ޑިވިޝަނުގެ ތަށި ފެލިދޫން ގެންދިޔައިރު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހާސިލުކޮށްފައި ވަނީ ލ. މާބައިދޫއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.