ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ ރާއްޖެ ސުޕަ ލީގު 2026ގެ ފިރިހެން ޑިވިޝަނުގައި އަންގާރަ ދުވަހު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ލ. ފޮނަދޫއާއި ބ. ގޮއިދ އިން މުބާރާތުގައި އެޓީމުތަކުގެ ދެވަނަ މޮޅު ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު ހދ. ހަނިމާދޫއާ ދެކޮޅަށް ފޮނަދޫން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-1ސެޓުންނެވެ. ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު 25-22އިން ހަނިމާދޫ ސެޓު ގެންގޮސްފައިވަނިކޮށް، ފޮނަދޫން ވަނީ ކުޅުން ރަނގަޅުކޮށް ފަހު ތިން ސެޓު އެޓީމުގެ ކޮޅަށް އަނބުރާލާފައެވެ. ހަނިމާދޫގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ފައިދާ ނަގައި، ފޮނަދޫން މި ސެޓުތައް ހޯދީ 25-23، 25-20އަދި 25-16އިންނެވެ.
ހަމައެދުވަހުގެ ރޭ ކ. ތުލުސްދޫއާ ދެކޮޅަށް ގޮއިދޫން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ އެއްވެސް ސެޓެއް ދޫކޮށްނުލައި، ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގޮއިދޫން ހޯދީ 25-14، 30-28އަދި 25-23އިންނެވެ.
މި މޮޅާއެކު، ކުޅުނު ދެ މެޗުން ލިބުނު ޖުމްލަ 6ޕޮއިންޓާ އެކު ޕޫލް އޭގެ އެންމެ ކުރީގައި މިވަގުތު އޮތީ ފޮނަދޫއެވެ. އެންމެ މެޗެއް ކުޅެގެން 3ޕޮއިންޓު ހޯދާފައިވާ ވ. ފެލިދޫ އޮތީ މި ގްރޫޕްގެ ދެވަނައިގައެވެ. މީގެ އިތުރުން ޕޫލް ބީގެ އެއްވަނައިގައި 5ޕޮއިންޓާ އެކު ގޮއިދޫ އޮތްއިރު، ދެވަނައިގައި އޮތް ތ. ހިރިލަންދޫއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެހެންކަމުން، މި ގްރޫޕްގެ އެއްވަނަ ޔަގީންކުރުމަށް ހިރިލަންދޫއަށް އޮތް ހަމައެކަނި ފުރުސަތަކީ ސެޓެއް ނުގެއްލި ތުލުސްދޫގެ މައްޗަށް ކުރިހޯދުމެވެ.
މި މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ވެސް ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެއެވެ. އެގޮތުން ވ. ފެލިދޫއާއި ކ. މާފުށި ބައްދަލުކުރާއިރު، ތ. ހިރިލަންދޫ ނުކުންނާނީ ކ. ތުލުސްދޫއާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.