މާލޭގެ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިހާރު ކުޅެމުންދާ ރާއްޖެ ސުޕަ ލީގު 2026ގެ ފިރިހެން ބައިގެ ސެމީ ފައިނަލްގެ ޖާގަތައް، ސީދާ ތިން ސެޓުން މެޗުތައް ކާމިޔާބުކޮށް، ވ. ފެލިދޫ އަދި ތ. ހިރިލަންދޫން ބުދަ ދުވަހު ކަށަވަރުކޮށްފިއެވެ.
ބުދަ ދުވަހުގެ ހަވީރު ކ. މާފުއްޓާ ދެކޮޅަށް ކުޅުނު މެޗު، މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ފެލިދޫން ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއެކުގައެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-18، 25-11އަދި 25-19އިންނެވެ. ހަމަ އެރޭ ކ. ތުލުސްދޫއާ ބައްދަލުކުރި މެޗުގައި ހިރިލަންދޫން ފުރަތަމަ ދެ ސެޓު 25-20އަދި 25-19އިން ހޯދާފައި ވަނިކޮށް، ތިންވަނަ ސެޓުގައި ތުލުސްދޫން ވަނީ ކުޅުން ރަނގަޅުކޮށް ގިނައިރު ލީޑު ވެސް ނަގާފައެވެ. ނަމަވެސް ފަހު ވަގުތު ތުލުސްދޫން ހެދި ގޯސްތަކުގެ ފައިދާނަގައި، 25-23އިން ހިރިލަންދޫ ވަނީ ސެޓާއެކު މެޗު ކާމިޔާބުކޮށްފައެވެ.
މި ނަތީޖާތަކާ އެކު "ޕޫލް އޭ"ގައި ހިމެނޭ ފެލިދޫ ސެމީއަށް ދަތުރުކުރީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކުގައެވެ. މި ގްރޫޕުގެ ދެވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލ. ފޮނަދޫ އޮތްއިރު، މާފުށި އަދި ހދ. ހަނިމާދޫއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އަނެއްކޮޅުން "ޕޫލް ބީ"އަށް ބަލާއިރު، ފުރަތަމަ މެޗުން ބ. ގޮއިދޫ އަތުން 3-2ސެޓުން ބަލިވި ނަމަވެސް، ހިރިލަންދޫން ސެމީގެ ޖާގަ ޔަގީންކުރީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ ގޮއިދޫއެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދާ ގޮތަށް ބަލާއިރު، ބުރާސްފަތި ދުވަހުގެ ހަވީރު ހަނިމާދޫއާއި މާފުށި ބައްދަލުކުރަން ހަމަޖެހިފައިވާއިރު، އެރޭ ކުޅޭ މެޗުގައި ފޮނަދޫއާ ދެކޮޅަށް ނުކުންނާނީ ފެލިދޫއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.