ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ތިންވަނަ ދުވަހުގެ މެޗުތައް ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްސް، ޔޫތް ނިއު ޖެނެރޭޝަން، ވިލިނިގިލި ޒުވާނުންގެ ޖަމިއްޔާ އަދި ޔުނައިޓެޑް ހެންވޭރިއަންސްއިން ކާމިޔާބުކޮށްފިއެވެ.
މީގެ ތެރެއިން އަންހެން ޑިވިޝަނުގެ ފޯރިގަދަ މެޗު ފޭސް 2 އިން ކާމިޔާބުކުރީ ސިޓީ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-2 ސެޓުންނެވެ.
އަންހެން ޑިވިޝަނުގެ މި މެޗުގައި ފުރަތަމަ ސިޓީ ސްޕޯޓްސް ކްލަބުން 18-15އިން ލީޑު ނަގާފައި ވަނިކޮށް، ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ވަނީ ފަހަތުން އަރައި 18-13އިން އެ ސެޓު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ސިޓީ ސްޕޯޓްސް ކްލަބުން ތިންވަނަ ސެޓު 18-07އިން ހޯދައި އަލުން ލީޑު ހޯދި ނަމަވެސް، ފޭސް 2އިން ވަނީ 18-10އިން ހަތަރުވަނަ ސެޓު ކާމިޔާބުކޮށް މެޗު އެއްވަރުކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު ފޭސް 2 އިން ކާމިޔާބުކުރީ 15-13ގެ ހަނި ތަފާތަކުންނެވެ.
ފިރިހެން ޑިވިޝަނުގެ މެޗުތަކަށް ބަލާއިރު، އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްސްއިން ވަނީ 3-1 ސެޓުން މާތޮޑާ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-14، 10-18، 18-16 އަދި 18-15އިންނެވެ. މީގެ އިތުރުން ޔޫތް ނިއު ޖެނެރޭޝަނުން ވަނީ ސީދާ ތިން ސެޓުން އައްޑޫ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް ނިމުނީ 18-14، 18-12 އަދި 18-08 އިންނެވެ.
ފިރިހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ވިލިނިގިލި ޒުވާނުންގެ ޖަމިއްޔާއިން ވަނީ މުނީޒް ވޮލީބޯލް މޫވްމެންޓުގެ މައްޗަށް 18-09، 18-12 އަދި 18-11 އިން ސީދާ ތިން ސެޓުން ފަސޭހަ މޮޅެއް ހޯދާފައެވެ. އަދި ދުވަހުގެ ފަހު މެޗުގައި ޔުނައިޓެޑް ހެންވޭރިއަންސް އިން ވަނީ ކްލަބް ހާފްލައިން ލިންކޭޖް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-15، 18-08 އަދި 18-15 އިންނެވެ.
މިއަދުގެ ޝެޑިއުލްގައި ހިމެނެނީ އަންހެން ޑިވިޝަނުގެ ފަސް މެޗެކެވެ. ފުރަތަމަ މެޗުގައި ސްމައިލް ސްޕޯޓްސް ކްލަބާއި ހެޕީ ސްޕޯޓްސް ކްލަބު ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ކުޅޭނީ ރާއްޖެ ވޮލީ ކުލަބާއި ގުޑީސް ސްޕޯޓްސް ކްލަބެވެ. ތިންވަނަ މެޗުގައި ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަނާއި ކަނބަލުން ސްޕޯޓްސް ކްލަބު ވާދަކުރާއިރު، ހަތަރުވަނަ މެޗުގައި ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ނުކުންނާނީ ސްޕޯޓްސް ކްލަބު ދިރުމާ ދެކޮޅަށެވެ. ފަސްވަނަ މެޗުގައި ބައްދަލުކުރާނީ ޔޫތް ނިއު ޖެނެރޭޝަނާއި އަލްމާ ސްޕޯޓްސް ކްލަބެވެ. މިއަދު ފިރިހެން ޑިވިޝަނުގެ އެއްވެސް މެޗެއް ތާވަލުކޮށްފައި ނުވާއިރު، އެ ޑިވިޝަނުގެ ކުޅުން ދެން ކުރިއަށްދާނީ މާދަމާއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުޅުން މި މަހުގެ 1 އިން 11 އަށް ކުރިއަށްދާއިރު، އަށް ޕޫލަކަށް ބަހާލައިގެން 24 ޓީމެއް ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޝަނުގެ ކުޅުން މި މަހުގެ 3 އިން 11 އަށް ކުރިއަށްދާއިރު، ހަތަރު ޕޫލަކަށް ބަހާލައިގެން މި ޑިވިޝަނުގައި 13 ޓީމެއް ވާދަކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.