2026ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ލަމީން ޔަމާލް ދުނިޔޭގެ ފެންވަރުގެ ސުޕަސްޓާރަކަށް ވުމަށް ކުރާ ދަތުރުގެ މުހިންމު މަރުހަލާއަކަށް ވާނެ ކަމަށް ބެލެވުނު ނަމަވެސް، އަނިޔާގެ ސަބަބުން މި މުބާރާތުގެ އެންމެ ބޮޑު އެއް ތަރި ގެއްލުމުގެ ބިރު އެބައޮތެވެ.
ސްޕެއިންގެ މި ހުނަރުވެރި ކުޅުންތެރިޔާ ޔޫރޯ 2024ގައި އެންމެންގެ ސަމާލުކަން ހޯދިއިރު، ދެ އަހަރު ފަހުން، އުމުރުން 18 އަހަރުގައި އޭނާ ހުރީ އަނެއްކާ ވެސް ވިދާލަން ތައްޔާރުވެގެންނެވެ. ނަމަވެސް އޭގެ ބަދަލުގައި، މިހާރު މިއީ އިންތިޒާރު ކުރަންޖެހޭ ވަގުތެކެވެ.
ބާސެލޯނާގެ މި ޒުވާން ތަރި، ލަ ލީގާގެ ތަށި ހޯދުމަށް ކުރި މަސައްކަތުގެ ފަހުކޮޅުގައި އޭނާއަށް ވަނީ ހޭމްސްޓްރިންގް އަނިޔާއެއް ކުރިމަތިވެފައެވެ. ފުރަތަމަ ،ކުޑަ އަނިޔާއެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިއީ ސީރިއަސް އަނިޔާއެއްކަން ސާބިތުވެ، އޭނާ ވޯލްޑް ކަޕްގައި ކުޅުމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އެހެންކަމުން، ކުރިއަށް އޮތް މުބާރާތަށް ލުއިސް ޑެ ލަ ފުއެންޓޭ އެކުލަވާލި ސްޕެއިންގެ 26 ކުޅުންތެރިންގެ ސްކޮޑުގައި މި ވިންގާ ހިމެނުމުން ގިނަ ބަޔަކަށް ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އޭނާއަށް މުބާރާތުގައި ކުޅެވޭނެ މިންވަރާ މެދު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.
މުބާރާތުގެ ފޯރިގަދަވާ ވަގުތު ސްޕޭންގެ އެންމެ މުހިންމު ހަމަލާ އުފައްދާ ކުޅުންތެރިޔާގެ ބޭނުން ހިފަން ބޭނުންވާނެއެވެ. ނަމަވެސް، މި މުބާރާތުގެ އެންމެ ބޮޑު އެއް ތަރި އޭނާގެ އެންމެ މޮޅު ކުޅުމުގައި ފެނުމަށް ވޯލްޑް ކަޕް މާ އަވަސްވީ ބާވައެވެ؟
ޔަމާލްގެ ފިޓްނަސްއާ މެދު ސުވާލު އުފެދުނީ ވަރަށް އާދައިގެ ކަމެއްގެ ތެރެއިންނެވެ. އޭޕްރީލް 22 ގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީއަކުން މޮޅުވި ލަނޑު ޖެހިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި، ބެންޗަށް އިޝާރާތް ކުރުމަށް ފަހު އޭނާ ދަނޑުމައްޗަށް ވެއްޓުނެވެ. އެއާ އެކު ޓީމުގެ ކުޅުންތެރިންގެ އުފާވެރިކަން ކަންބޮޑުވުމަކަށް ބަދަލުވިއެވެ.
އޭގެ ފަހުން އޭނާ ކުޅެފައެއް ނުވެއެވެ. އެ ދުވަސްވަރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ބާސާއިން ބިރުގަތީ އޭނާގެ ވައަތު ހޭމްސްޓްރިންގް އިރައިގެން ގޮސްފައިވާތީއެވެ. އެއީ ރަނގަޅުވުމަށް އަށް ހަފުތާގެ މުއްދަތެއް ބޭނުންވާނެ ކަމެކެވެ. އަދި އޭގެ ފަހުން ވެސް މެޗު ފިޓްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެއެވެ. ނަމަވެސް ޓީމުން ބުނަމުންދިޔައީ އޭނާ ވޯލްޑް ކަޕަށް ތައްޔާރުވާނެ ކަމަށެވެ. މިއީ ސްޕެއިން ޓީމަށް ޔަމާލްގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ.
އެ ކްލަބުން އެ ދުވަސްވަރު ބުނެފައި ވަނީ އޭނާއަށް ލީގު ސީޒަނުގެ ބާކީ ބައި ގެއްލޭނެ ނަމަވެސް، ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއީ އުމުރުން ހަގު ނަމަވެސް، އަނިޔާގެ ސަބަބުން ބުރޫއަރާފައިވާ ސީޒަނެއްގައި މި ޒުވާން ކުޅުންތެރިޔާއަށް ކުރިމަތިވި އެންމެ ފަހުގެ ހުރަހެވެ.
ޔަމާލް ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ކިހާ ބޮޑު ގެއްލުމެއްކަން އަދި ފެންނާނެއެވެ. ނަމަވެސް، އޭނާ ނުލައިވެސް ގްރޫޕް އެޗްގެ އެއްވަނަ ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު ސްޕެއިންއަށް އޮންނާނެއެވެ.
ޔޫރަޕްގެ ޗެމްޕިއަނުންނަށް ގްރޫޕް ސްޓޭޖުގައި ލިބިފައިވަނީ ފަސޭހަ ގްރޫޕެކެވެ. އެގޮތުން ކޭޕް ވާޑް އަދި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުމަށްފަހު، އެންމެ އުނދަގޫ މެޗަކަށް ވާނީ މާސެލޯ ބިއެލްސާގެ އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ހިސާބަށް ދާއިރު ޔަމާލް ފިޓްވާނެ ކަމަށް ބެލެވެއެވެ.
ފުރަތަމަ ކޮޅު އޭނާ ނުލައި ކުޅުމަށް ސްކޮޑުގައި އެކަށީގެންވާ ކުޅުންތެރިން އެބަތިއްބެވެ. ކްރިސްޓަލް ޕެލަސްގެ ޔެރެމީ ޕީނޯ ކަނާތްފަރާތުން ކުޅެން ހުރިއިރު އޮސަސޫނާގެ ވިކްޓަރ މުނޯޒް އަކީ ވެސް އެ މަގާމަށް ކުޅެވޭނެ ކުޅުންތެރިއެކެވެ.
ފުރަތަމަ ކޮޅު ޔަމާލްއާ ނުލައި ފަރުޖައްސާލެވުނު ނަމަވެސް، ގްރޫޕް ސްޓޭޖަށް ފަހު މުބާރާތް ފޯރިގަދަވާއިރު ޔަމާލް ފަދަ ތަފާތު ދައްކާ ކުޅުންތެރިއަކު ހުރުން ވަރަށް މުހިންމެވެ. އޭނާ ވަނީ ޔޫރޯ 2024 ގައި މިކަން ސާބިތުކޮށްދީފައެވެ. މުބާރާތުގެ ފެށުން އާދައިގެ ގޮތަކަށް ދިޔަ ނަމަވެސް، ގަދަ 16، ކުއާޓާ އަދި ފައިނަލްގައި އޭނާ އެސިސްޓް ހެދިއެވެ. އަދި ސެމީގައި ފްރާންސް ކޮޅަށް ރީތި ލަނޑެއް ޖެހިއެވެ.
ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި ސަޕޯޓަރުން ވެސް ބޭނުންވަނީ ޔަމާލް ވީހާ ވެސް އަވަހަކަށް ފިޓްވުމަށެވެ. ބާސެލޯނާގެ މި ހުނަރުވެރި ކުޅުންތެރިޔާ ފަދަ ކުޅުންތެރިންނަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވޯލްޑް ކަޕް ބަލާ ސަބަބެވެ. އެހެންކަމުން، މިފަދަ ބޮޑު މުބާރާތަކުން އޭނާ ފެނުމުގެ ފުރުސަތު ގެއްލުމަކީ ވަރަށް ބޮޑު ދެރައެކެވެ.
ފައިނަލް މެޗުގެ ހަ ދުވަސް ކުރިއަށް އޭނާއަށް 19 އަހަރު ނުފުރޭނެއެވެ. މި ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާގެ ގޮތުގައި އޭނާގެ ނަން މަޝްހޫރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަނިޔާގެ ސަބަބުން މި ފުރުސަތު ގެއްލިގެންދާން އޭނާ ބޭނުމެއް ނުވާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.