ލަމީން ޔަމާލްގެ މޮޅު ކުޅުމާ އެކު، ގްރޫޕް އެޗްގައި ސްޕެއިންއިން ސައުދީ އަރަބިއްޔާގެ މައްޗަށް 4-0 އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މިރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ޔަމާލް ސްޕެއިނަށް ލީޑު ނަގައިދިންއިރު، ހޯމަ ދުވަހު ކޭޕް ވާޑްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ފުރަތަމަ ބައިގަޑިއިރު ބޯޅައިގައި ފައިޖައްސާލެވޭ ގޮތް ނުވި އޮޔާޒަބަލް ވަނީ ކައިރިކައިރީގައި ދެ ލަނޑު ޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނަށް މެޗުގެ ކޮންޓްރޯލް ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށުނުތާ މާގިނައިރެއް ނުވެ ބައިކޮޅަށް ވަން ލަނޑަކާ އެކު ވެސް އިތުރު ލަނޑުތަކެއް ފެނިގެން ނުދިޔައީ، ސްޕެއިންއިން ބަދަލުތައް ގެނެސް، ލަނޑު ޖެހި ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުސަތު ދިނުމުންނެވެ.
މި މޮޅާއެކު ސްޕެއިނަށް ވަނީ ތާވަލުގައި ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ކުޅުނު ދެ މެޗުން ސައުދީ އަރަބިއްޔާއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ކޭޕް ވާޑްއާއި އުރުގުއާއީ ބައްދަލުކުރާ މެޗު މިރޭ މިއާމީގައި ކުޅެވޭނެއެވެ.
ކޭޕް ވާޑް މެޗުގައި ދެއްކި ކުޅުމަށް އަމާޒުވި ފާޑުކިޔުންތަކަށް ފަހު، މޮޅުވުމުންނާއި އޭނާގެ އަމިއްލަ ކުޅުމާ މެދު އުފާކުރާ ކަމަށް އޮޔާޒަބަލް ބުންޏެވެ.
“މިއީ އަހަރެންގެ ކުޅުން ސާބިތުކޮށްދިނުމެއް ނޫން. އަހަރެން އަބަދުވެސް ބުނަން އަހަރެންގެ ކުޅުންތެރިންނާއި، ކޯޗާއި، އަދި ސްޓާފުންގެ ފަރާތުން ކޮންމެ ދުވަހަކުވެސް ލޯބި ލިބޭކަމުގެ އިހުސާސް ކުރެވޭ ކަމަށް. އަހަންނަށް މުހިންމީ އެއީ،” އޭނާ މީޑިއާއަށް ބުންޏެވެ.
“ބޭރުގައި މީހުން ވާހަކަ ދައްކާނެ. ފުޓްބޯޅައިގެ ކަންތައްތައް ހުންނަ ގޮތް އަހަރެމެންނަށް އެނގޭ، އެކަމަކު އަހަރެމެން ޖެހޭނީ ހަމަޖެހިގެން ތިބެން.”
ވޯލްޑް ކަޕެއްގައި ލަނޑު ޖެހުމަކީ ލިބުނު “ހުވަފެނެއް” ފަދަ ކަމެއް ކަމަށް ޔަމާލް ބުންޏެވެ.
“އަހަރެން އެންމެ ފަހުގެ ވޯލްޑް ކަޕް ބެލީ ކްލާސްރޫމެއްގައި ހުރެގެން. އެހެންވީމާ، މަންމައާއި އާއިލާ ސަޕޯޓަރުންގެ ތެރޭގައި ތިއްބާ މިތަނުގައި ލަނޑު ޖެހުމަކީ ހަގީގަތަކަށްވި ހުވަފެނެއް،” އޭނާ ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.