ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް، ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ކުޅުންތެރިންނަށް، ހާއްސަކޮށް ބާސެލޯނާގެ ކުޅުންތެރިންނަށް، ސްޕެނިޝް ލީގުގެ އައު ސީޒަނާ ކުރިމަތިލާއިރު ބޮޑާކަން ދޫކޮށް ހަމަބިމަށް ތިރިވުމަށް އިލްތިމާސްކޮށްފިއެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ތަޖުރިބާކާރު ޑިފެންޑަރު ބުނިގޮތުގައި، ދުނިޔޭގެ ތަށި އުފުލާލުމަށް ފަހު ގިނަ ކުޅުންތެރިންނަށް ތިބެވެނީ ހިޔާލީ ދުނިޔެއެއްގައެވެ. އޭނާ މިކަމަށް އެންމެ ބޮޑަށް ސަމާލުކަންދިނީ ދާދިފަހުން ޗެމްޕިއަންކަން ހޯދި ސްޕެއިން ސްކޮޑުގައި ހިމެނުނު ބާސެލޯނާގެ އަށް ކުޅުންތެރިންނަށެވެ.
ޕުޔޯލް ފާހަގަކުރި ގޮތުގައި، މުބާރާތް ކާމިޔާބުކުރުމުން މީހުން ކުރާ ތައުރީފުގެ ސަބަބުން ކުޅުންތެރިންގެ ވިސްނުން ބަދަލުވެއެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި އިތުރު ކާމިޔާބީތަކާ ހަމައަށް ވާސިލުވުމަށް ޓަކައި، އެ ހުރިހާ ތައުރީފަކުން އެއްކިބާވެ، ހަގީގަތާ ކުރިމަތިލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އޭނާ ތަކުރާރުކުރިއެވެ. އައު ސީޒަނަށް ތައްޔާރުވާއިރު މި ނުރަނގަޅު ވިސްނުން ނައްތާނުލައި ފިނަމަ، މޮޅުވުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާންޖެހޭނެކަމަށް ޕުޔޯލް އިންޒާރުދިނެވެ.
މީގެ އިތުރުން، ވޯލްޑް ކަޕްގައި ކުޅުމުގެ ސަބަބުން ޕްރީ-ސީޒަން ފަރިތަކުރުންތަކަށް އެކަށީގެންވާ ވަގުތު ނުލިބުމަކީ ކުރިމަތިވާނެ ގޮންޖެހުމެއްކަން ޕުޔޯލް ގަބޫލުކުރެއެވެ. އެހެންނަމަވެސް، ބާސެލޯނާގައި ތިބީ ޒުވާން، ހުނަރުވެރި ކުޅުންތެރިންތަކަކަށް ވުމުން، އެކަށީގެންވާ ވަރަށް ޕްރެކްޓިސް ނުކުރެވުނު ކަމުގައިވިޔަސް އަވަހަށް ފިޓްވެ، މަތީ ފެންވަރުގައި ކުޅުން ދެމެހެއްޓުމުގެ ގާބިލުކަން އެ ކުޅުންތެރިންގެ ކިބައިގައި ހުންނާނެކަމަށް ބާސެލޯނާގައި ދިހަ އަހަރު ކެޕްޓަންކަން ކުރި ޕުޔޯލް ބުންޏެވެ.
ސްޕެނިޝް ލީގުގެ ކުޅުން މި ހަފުތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ސްޕެއިންގެ އެންމެ ބޮޑު ދެ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ފުރަތަމަ މެޗުތައް ކުޅުމަށް ތާވަލުކުރެވިފައިވަނީ މާދަމާ ނޫން އަނެއް ދުވަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.