ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް" ބަލަން ދާ ސަޕޯޓަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ޓިކެޓުގެ އަގުތައް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހެޔޮކޮށްފިއެވެ.
އެފްއޭއެމްއިން ބުނީ ވީހާ ވެސް ގިނަ ބަޔަކަށް ދަނޑަށް ވަދެ މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޓިކެޓްގެ އަގު ހެޔޮކުރަން ނިންމައިފައިވާ ކަމަށާއި މިހާރު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 50 ރުފިޔާއާއި 100 ރުފިޔާއަށް ކަމަށެވެ. އެގޮތުން ސިޑިބަރިން ޓިކެޓެއް ވިއްކާނީ 50 ރުފިޔާއަށް ކަމަށްވާއިރު، ގޮނޑިބަރީގެ ޓިކެޓެއް ލިބޭނީ 100 ރުފިޔާއަށެވެ. އެފްއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ މެޗަކަށް ވެސް އެންމެ ގިނަވެގެން ވިއްކުމަށް ހަމަޖެހިފައިވަނީ 4،000 ޓިކެޓެވެ.
މި މުބާރާތުގައި ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ގައި ރާއްޖެ އާއި ޕާކިސްތާނު ބައްދަލުކުރާ މެޗެވެ. ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން މިހާރު މި މެޗުގެ ޓިކެޓްތައް ލިބެން ހުންނާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ގައުމީ ޓީމުން ވަނީ ދިވެހި ސަޕޯޓަރުން ގައުމީ ޖޯޝާއެކު ފެއްސާއި ރަތާއި ހުދުގެ ކުލަތަކުން ދަނޑު ފުރާލައި، ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް އެދިފައެވެ.
މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ. އޭގެ ފަހުން 7 ޖޫން ވާ ދުވަހުގެ ހަވީރު އަފްޣާނިސްތާނާއި ޕާކިސްތާނު ބައްދަލުކުރާއިރު، އެރޭ 21:00 ގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ 10 ޖޫން ވާ ބުދަ ދުވަހުގެރޭ 21:00 ގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.