ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑައިމަންޑް ޖުބިލީ މުބާރާތް މިއަދު ފަށަނީ

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ދިގު ތާރީޚަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުން ފެށިގެން މި މަހުގެ 10 އަށް ކުރިއަށްދާ މި މުބާރާތް ހުޅުވާ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝްއާއި ޕާކިސްތާން ބައްދަލުކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ މިރޭ 9:00ގައި އަފްޣާނިސްތާނާ ދެކޮޅަށެވެ. މިރޭގެ މެޗުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މި މުބާރާތުގައި ވާދަކުރާ ހަތަރު ޤައުމަކީ ރާއްޖޭގެ އިތުރުން އަފްޣާނިސްތާނާއި، ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ރާއްޖެ އައި މި ޓީމުތައް ކޭމްޕްކޮށްގެން ތިބީ ބާސެލޯ ނަސަންދުރައިގައެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށް ރޭވިފައިވާ މި މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ޤައުމީ ޓީމުން ވަނީ ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން މީގެ މަހެއްހާ ދުވަސް ކުރިން ފަރިތަކުރުންތައް ފަށާފައެވެ.

މުބާރާތަށް އެކުލަވާލި ރާއްޖޭގެ ފައިނަލް ސްކޮޑުން ޤައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އާއި މުހައްމަދު އިރުފާން (އިރޭ) އަށް އަނިޔާގެ ސަބަބުން ވަނީ ފުރުޞަތު ގެއްލިފައެވެ. މިއީ ފަހަކަށް އައިސް ރާއްޖޭގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީއަށް ވެސް ޖާގަ ނުލިބުނު ނަމަވެސް، ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ އަމްދާން އަލީއާއި އަހުމަދު އަބްދުﷲ (ލިލީ) ވަނީ ސްކޮޑުގައި ހިމަނާފައެވެ. އަދި އަނިޔާއިން ރަނގަޅުވެއަލީ އަޝްފާގު (ދަގަނޑޭ) ވެސް މި ސްކޮޑުގައި ހިމެނެއެވެ.

ރާއްޖެއާ ދެކޮޅަށް މިރޭ ނިކުންނަ އަފްޣާނިސްތާނަކީ ފަހުގެ ތާރީޚުގައި ރާއްޖެއަށް އުނދަގޫ ޓީމެކެވެ. އެންމެ ފަހުން 2017ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ 2-1 އިން ބަލިވިއިރު، 2015 ގެ ސާފް ޗެމްޕިއަންޝިޕްގައި އަފްޣާނިސްތާން ވަނީ 4-1 އިން ރާއްޖެ ބަލިކޮށްފައެވެ. ނަމަވެސް، 2014ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ ހޮވި މެޗުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ވަނީ އަފްޣާނިސްތާނުގެ މައްޗަށް ކުރިހޯދައިފައެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ ގޯލްކީޕަރުން ކަމަށްވާ މުޙައްމަދު ފައިސަލް، ހުޝައިން ޝަރީފް އަދި މުޙައްމަދު ޝަފީއުއެވެ. ޑިފެންޑަރުންނަކީ ހުސައިން ސިފާއު ޔޫސުފް، ހައިޝަމް ޙަސަން، އަހުމަދު އައިހަމް، ތޯއިފް ގާސިމް، އަހުމަދު ޢަބްދުﷲ އަދި އަމްދާން އަލީއެވެ. މިޑްފީލްޑަރުންގެ ގޮތުގައި އައިސަމް އިބްރާހިމް، އަހުމަދު އައިހަމް، ޙަސަން އީނާޒް، އިބްރާހިމް ވަހީދު ޙަސަން، ނާޝިއު އަހުމަދު ޝިހާމް އަދި ނައްސާހު އިބްރާހިމް ނާސިރު ހިމެނޭއިރު، ފޯވާޑް ލައިންގައި ތިބީ އަލީ އަޝްފާޤު، އަލީ ފާސިރު، ނާއިޒް ހަސަން، ހަމްޒާ މުޙައްމަދު، މުޙައްމަދު އިލާން އިމްރާން، އިބްރާހިމް މަހުދީ ޙުސައިން (ފޭދޫއިއްބެ) އަދި ޢަބްދުﷲ ލޫތު އިބްރާހިމް އެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު