ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރާއްޖޭގައި ބާއްވާ މުބާރާތަށް އައީ ތަޖުރިބާ ހޯދާކަށް ނޫން، އަމާޒަކީ ފައިނަލް: ބަންގްލަދޭޝް ކޯޗު

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގައި މާދަމާ ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމުގެ އަމާޒަކީ މޮޅު ކުޅުމެއް ދައްކައިގެން މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުން ކަމަށް އެ ޓީމުގެ ކޯޗު މަރްފުލް ހައްކު ބުނެފިއެވެ.

 އޭނާ ބުނީ މި ދަތުރަކީ ހަމައެކަނި ތަޖުރިބާއެއް ހޯދާލަން ކުރާ ދަތުރެއް ނޫން ކަމަށެވެ.

މި މުބާރާތުގައި ބަންގްލަދޭޝްގެ ސީނިއަރ ޓީމު ބައިވެރިނުވަނީ، ރޭންކިންގެ އެންމެ ފުލުގައި އޮތް ނަމަވެސް ޔޫރަޕަށް ނިސްބަތްވާ ސޭން މެރީނޯއާ ދެކޮޅަށް ޖޫން ފަސްވަނަ ދުވަހު ޔޫރަޕުގައި މެޗެއް ކުޅެން ތާވަލުކޮށްފައި އޮތުމުންނެވެ. އެހެންކަމުން ރާއްޖޭގައި ކުޅޭ މުބާރާތުގައި އެ ގައުމުން ވާދަކުރަނީ ޒުވާން އޮލިމްޕިކް ޓީމެވެ.

މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ޕީއެސްއެމް ނިއުސް"އިން ކުރި ސުވާލަކަށް ޖަވާބުދެމުން ކޯޗު މަރްފުލް ވަނީ، މިއީ ބަންގްލަދޭޝް އިން މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދޭ ނުވަތަ ހަމައެކަނި ތަޖުރިބާ ހޯދަން އައި މުބާރާތެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނީ ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން އެގޮތަށް ވާހަކަދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން އަންނަނީ އެހެން ވާހަކަދައްކަމުން. އެކަމަކު އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. އެންމެފުރަތަމަ ބޭއްވި ޓްރެއިނިން ސެޝަނުންގައި ވެސް ކުޅުންތެރިންނާ ވާހަކަދައްކާފަ އަހަރެން ކަނޑައެޅިން ޓާގެޓެއް. އިންޝާ ﷲ ފައިނަލުގައި އަހަރުމެން ކުޅޭނަމޭ. ތަޖުރިބާ ހޯދާކަށް ނޫން މިއައީ. އެއީ އެއް ނޫން މި މުބާރާތުގެ ބޭނުމަކީ،" ކޯޗު މަރްފުލް ބުންޏެވެ.

ބަންގްލަދޭޝްގެ ފުޓުބޯޅަ އާ ހަރުފަތަކަށް ގެންދިއުމަށް ޓަކައި، ގައުމުން ބޭރުގައި ދިރިއުޅޭ އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިން ހޯދައިގެން ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މި މުބާރާތަށް އެކުލަވާލި ސްކޮޑުގައި ބޭރުގައި ދިރިއުޅޭ އެއްވެސް ކުޅުންތެރިއަކު ހިމަނާފައެއް ނުވެއެވެ.

މާދަމާ ފަށާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާއި ޕާކިސްތާނެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00ގައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު