މާދަމާ ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ދިވެހި ގައުމީ ޓީމު ދަނޑުމަތީގައި ލީޑުކުރުމުގެ ބޮޑު ޒިންމާ، އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު)އާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ ގައުމީ ޓީމުން މި މުބާރާތާ ކުރިމަތިލާއިރު، ޓީމުގެ ރަސްމީ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ)އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. އަނިޔާގެ ސަބަބުން ސަމޫހަށް ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެވިފައެއް ނުވެއެވެ.
މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު އިސްޓަވާން އުރުބާނީއާ އެކު ބައިވެރިވީ ހަމްޒާއެވެ. މި ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ކޯޗު އުރުބާނީ ވަނީ، މާދަމާގެ މެޗުގައި ދަނޑުމަތީގައި ޓީމު ލީޑުކުރާނީ ހަމްޒާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މިއީ ހަމްޒާގެ ކިބައިގައި އެ ގާބިލުކަން ހުރިތޯ ބެލުމަށް އޭނާއަށް ދެވޭ އިމްތިހާނެއްގެ ގޮތުގައި ކޯޗު ސިފަކުރިއެވެ.
ކޯޗު އުރުބާނީ ބުނީ ހަމްޒާ މަސައްކަތްކުރާނީ ދަނޑުމަތީގައި ޓީމުގެ ލީޑަރެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އޭގެ މާނައަކީ އޭނާއަކީ މިހާރު ގައުމީ ކެޕްޓަން ކަމަށް ނިންމުން ނޫން ކަމަށެވެ.
"ކެޕްޓަން ކަމަކީ ވަރަށް މަސައްކަތްކޮށްގެން ހައްގުވާ ޝަރަފެއް. ހަމްޒާގެ ހުނަރުވެރިކަމާއި އޭނާ ކުރާ މަސައްކަތުން ސާބިތުވޭ އޭނަ ގައިގައި އެކަން ކުރުމުގެ ގާބިލުކަން ހުރިކަން. އޭނައަށް ހައްގު ކަމެއްކަން އެއީ. މާދަމާގެ މެޗުގައި އަހަރެން ބަލަން ބޭނުންވަނީ އެވަރުގެ ލީޑަރަކަށް އޭނާއަށް ވެވިދާނެތޯ. މިއީ ޕްރެޝަރެއްގެ ގޮތުގައި އޭނާ ނަގައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު. ހަމްޒާއަކީ އެ ޕްރެޝަރު ހޭންޑަލް ކުރަން އެނގޭހާ މޮޅު ކުޅުންތެރިއެއް"ކޯޗު ބުންޏެވެ.
ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ލިބުމަކީ ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ހަމްޒާ ފާހަގަކުރިއެވެ. ނަމަވެސް އޭނާ ބުނީ އެންމެ މުހިންމު ކަމަކީ އެއީ ނޫން ކަމަށެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ކެޕްޓަނުންގެ ގޮތުގައި ދެކިގެން ކުޅުމަށް ވިސްނައިދީފައިވާނެ ކަމަށާއި، އެހެންކަމުން ކޮންމެ ކުޅުންތެރިއަކީ ވެސް ކެޕްޓަނެއް ކަމަށް ހަމްޒާ ބުންޏެވެ.
މި މުބާރާތަށް ރާއްޖެއިން އެކުލަވާލި 23ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ)އެވެ. މީގެ އިތުރުން އަލީ ފާސިރު (ސެންޓޭ)، އަމްދާން އަލީ (އޭންޑީ)އަދި އަޙްމަދު އަބްދުﷲ (ލިލީ)ވެސް ސްކޮޑުގައި ހިމެނެއެވެ. ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާންއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާރޭ ރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.