ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕެރިހުގެ މަގުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވުމާ ގުޅިގެން އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ރޭ ޕެރިހުން280 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ އަހަރުގެ މުބާރާތް ޕީއެސްޖީން ކާމިޔާބުކުރުމުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މިއަހަރު ފްރާންސްގެ ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. އެ ގޮތުން މި މެޗަށް ފްރާންސްގެ އެކި ސަރަހައްދުތަކުގައި 22،000 ފުލުހުން ހަރަކާތްތެރިވިއިރު، އޭގެ ތެރެއިން 8،000 ފުލުހުން ތިބީ ޕެރިހުގައެވެ. ހަމަނުޖެހުންތައް ކުޑަކުރުމުގެ ގޮތުން ޕެރިހުގެ ރެއިލް ދަތުރުތަކާއި، ބައެއް މެޓްރޯ ސްޓޭޝަންތަކާއި ބަހުގެ ހިދުމަތްތައް ބައެއް ސަރަހައްދުތަކުގައި ވަނީ މެދުކަނޑައިލާފައެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މުޅި ގައުމުން 416 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 283 މީހުން ހައްޔަރުކުރީ ޕެރިހުންނެވެ. މީގެ ތެރެއިން އިތުރަށް ތަހުގީގު ކުރުމަށް ބަންދުގައި ބޭތިއްބީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.

އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވީ ހަތް ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި، މި ހަމަނުޖެހުންތަކަކީ "އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

މި ހަމަނުޖެހުންތަކުގައި ހަ އުޅަނދަކަށާއި ދެ ވިޔަފާރިއަކަށް ވަނީ ގެއްލުން ލިބިފައެވެ.

ސަޕޯޓަރުންގެ ގްރޫޕަކުން ޕެރިހުގެ ރިންގް ރޯޑް (ޕެރިފެރީކް)އަށް އަރައި، ދަތުރުފަތުރުތައް މެދުކަނޑާލައި، ފްލެއާސްތައް ރޯކޮށްފައިވާ ކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައި ވެއެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި ކުޅުނު ފޯރިގަދަ މެޗްގެ ކާމިޔާބީ ފާހަގަކުރުމަށް ޕެރިހުގެ މަޝްހޫރު ޝޯންޒް އެލީޒޭ މަގަށް ގާތްގަނޑަކަށް 20،000 މީހުން އެއްވި ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު ޒުވާނުން ޝޯންޒް އެލީޒޭ އާއި އެހެނިހެން މަގުތަކުގައި ހުރި ފިހާރަތައް ސުންނާފަތިކޮށް ހިންގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި، މެޗުގެ ކުރިން ފިހާރަތަކުގެ ކުޑަދޮރުތައް ހުރީ ބަންދުކޮށްފައެވެ. އެ ފަހަރު ސަތޭކައަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު