ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު ކްލަބަކަށް ރެއާލް މެޑްރިޑް ހޮވުނުއިރު، މެންޗެސްޓަރ ޔުނައިޓެޑް ފަހަތަށް ޖައްސާލުމަށް ފަހު ބާސެލޯނާ ވަނީ ދެވަނައަށް ޖެހިލައިފައެވެ.
ފޯބްސްގެ އަހަރީ ލިސްޓުގައި ރެއާލް މެޑްރިޑްގެ އަގު އުޅެނީ 9.5 ބިލިއަން ޑޮލަރު (7.06 ބިލިއަން ޕައުންޑް)ގައެވެ. މިއީ އަހަރެއްގެ ކުރިން އެ ކްލަބުގެ އަގު ހުރި 6.75 ބިލިއަން ޑޮލަރަށް (5.02 ބިލިއަން ޕައުންޑް) ވުރެ އިތުރު އަދަދެކެވެ. ބާސެލޯނާ ދެވަނައިގައި އޮތީ 7.5 ބިލިއަން ޑޮލަރު (5.57 ބިލިއަން ޕައުންޑް)ގެ އަގަކާއެކުގައެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ތިންވަނައިގައި އޮތީ 7.2 ބިލިއަން ޑޮލަރު (5.35 ބިލިއަން ޕައުންޑް)ގެ އަގަކާއެކުގައެވެ.
2024-25ވަނަ ސީޒަނުގައި ޔުނައިޓެޑަށް އާމްދަނީގެ ގޮތުގައި 865 މިލިއަން ޑޮލަރު (643 މިލިއަން ޕައުންޑް) ލިބިފައިވާއިރު، އެ ސީޒަނުގައި އެޓީމުން ޕްރިމިއާ ލީގުގެ 15ވަނައިގައި ނިންމާލައި، ޔޫރޮޕާ ލީގުގެ ފައިނަލުން ވަނީ ބަލިވެފައެވެ.
ޕްރިމިއާ ލީގުގެ ހަ ޓީމެއް ގަދަ 10 އެއްގައި ހިމެނޭއިރު، ގަދަ 30 އެއްގައި އެ ލީގުގެ 11 ޓީމެއް ހިމެނެއެވެ.
2024-25 ސީޒަނުގެ އިނގިރޭސި ލީގު ޗެމްޕިއަންކަން ހޯދި ލިވަޕޫލް 6.2 ބިލިއަން ޑޮލަރު (4.61 ބިލިއަން ޕައުންޑް)ގެ އަގަކާ އެކު ހަތަރުވަނައިގައި އޮތްއިރު، މެންޗެސްޓަރ ސިޓީ ވަނީ ފަސްވަނައިން ހަތްވަނައަށް ވެއްޓިފައެވެ. އެޓީމުގެ އަގަކީ 5.5 ބިލިއަން ޑޮލަރު (4.09 ބިލިއަން ޕައުންޑް)އެވެ.
ބަޔާން މިއުނިކް ހަވަނައިގައި ދެމިއޮތް އިރު (5.7 ބިލިއަން ޑޮލަރު، 4.24 ބިލިއަން ޕައުންޑް)، 2024-25 ވަނަ ސީޒަނުގެ ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް-ޖާމަން (5.8 ބިލިއަން ޑޮލަރު، 4.31 ބިލިއަން ޕައުންޑް) ވަނީ ހަތްވަނައިން ފަސްވަނައަށް ޖެހިލައިފައެވެ.
އާސެނަލް (5.4 ބިލިއަން ޑޮލަރު، 4.01 ބިލިއަން ޕައުންޑް) އަށްވަނައިގައި އޮތްއިރު، ޗެލްސީ (4.2 ބިލިއަން ޑޮލަރު، 3.12 ބިލިއަން ޕައުންޑް) އޮތީ ނުވަވަނައިގައެވެ. އަދި ޓޮޓެންހަމް (3 ބިލިއަން ޑޮލަރު، 2.23 ބިލިއަން ޕައުންޑް) އޮތީ 10 ވަނައިގައެވެ.
ނަމަވެސް، 22 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށް، ހޮނިހިރު ދުވަހު ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނާތީ، އަންނަ އަހަރު އާސެނަލް މި ލިސްޓުގައި ކުރިއަށް ޖެހިލުމުގެ ފުރުސަތު ބޮޑެވެ.
ރެއާލް މެޑްރިޑާއި ބާސެލޯނާ އެންމެ ކުރީގެ ދެ މަގާމު ހޯދި ނަމަވެސް، ގަދަ 30 ގައި ހިމެނޭ ލަލީގާގެ ހަމައެކަނި އަނެއް ކްލަބަކީ 11 ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑެވެ.
ގަދަ 30 ގައި 11 ކްލަބާ އެކު، ޕްރިމިއާ ލީގަކީ މި ލިސްޓުގައި އެންމެ ގިނަ ޓީމު ހިމެނޭ ލީގެވެ. މީގެ އިތުރުން މޭޖަރ ލީގު ސޮކާ (އެމްއެލްއެސް)ގެ ހަތް ޓީމަކާއި، އިޓަލީގެ ސެރީ އޭ ގެ ހަތަރު ޓީމަކާއި، ޖަރުމަނު ބުންޑެސްލީގާގެ ތިން ޓީމެއްގެ އިތުރުން ފްރާންސްގެ ލީގު 1 އަދި ޕޯޗުގަލްގެ ޕްރިމެއިރާ ލީގުން ކުރެ ކޮންމެ ލީގަކުން އެއް ޓީމު ހިމެނެއެވެ.
އެވްރެޖްކޮށް މި 30 ޓީމުގެ އަގު އުޅެނީ 2.9 ބިލިއަން ޑޮލަރު (2.15 ބިލިއަން ޕައުންޑް) ގައެވެ. މިއީ 2025 ވަނަ އަހަރުގެ ރެކޯޑް އަދަދު ކަމަށްވާ 2.4 ބިލިއަން ޑޮލަރަށް ވުރެ (1.78 ބިލިއަން ޕައުންޑް) 21 އިންސައްތަ އިތުރު އަދަދެކެވެ.
ގަދަ 30ގައި ހިމެނޭ ޕްރިމިއާ ލީގުގެ އެހެން ޓީމުތަކަކީ 16 ވަނައިގައި އޮތް އެސްޓަން ވިލާ (1.4 ބިލިއަން ޑޮލަރު، 1.04 ބިލިއަން ޕައުންޑް)، 19 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް (1.25 ބިލިއަން ޑޮލަރު، 935 މިލިއަން ޕައުންޑް)، 25 ވަނައިގައި އޮތް އެވަޓަން (930 މިލިއަން ޑޮލަރު، 692 މިލިއަން ޕައުންޑް)، 26 ވަނައިގައި އޮތް ފުލަމް (920 މިލިއަން ޑޮލަރު، 685 މިލިއަން ޕައުންޑް) އަދި 27 ވަނައިގައި އޮތް ބްރައިޓަން (910 މިލިއަން ޑޮލަރު، 678 މިލިއަން ޕައުންޑް) އެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.