ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލެގޫންސްގެ އިންތިޚާބު ސައްޙަކަމަށްކޯޓުން ކަނޑައަޅައިފި

ޝެއާ ކުރޭ Facebook Telegram Viber X

ލެގޫންސް ސްޕޯޓްސް ކުލަބުގެ ހިންގާ ކޮމިޓީ ހޮވުމަށް ބޭއްވި އިންތިޚާބާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ބެލުމަށް ފަހު، އެ އިންތިޚާބަކީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުން ޤާނޫނީ ހަމަތަކުގެ މަތިން ބާއްވާފައިވާ ސައްޙަ އިންތިޚާބެއްކަމަށް މިއަދު ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. 

މިދިޔަ އޮގަސްޓު މަހުގެ 15ވަނަ ދުވަހު ކުލަބުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ މއ. ނޮޅިވަރަމް އަބްދުލްވާހިދު އަދި މ. ފަޅުމަތީގެ އަޙްމަދު އަލީގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ގާޒީ އަލީ އަބްދުﷲ އިއްވެވި ޙުކުމުގައި ވަނީ، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ކޯޓު އަމުރުތަކާއި ކުޅިވަރާބެހޭ ކޮމިޝަނަރުގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކުރިން ނެރެފައިވާ ވަގުތީ އަމުރުތައް ބާތިލުކޮށް، ކޯޓުން އިތުރަށް ގޮތެއް ނިންމަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

މި ނިންމުމާ ގުޅިގެން ލެގޫންސް ކުލަބުގެ ބޯޑުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދައުވާއަކީ ކުލަބުގެ ތެރެއިން އަމިއްލަ މަންފާ ހޯދަމުންދިޔަ ބަޔަކު، އެކަން ހުއްޓުވުމުން ކުލަބުގެ އަގުވައްޓާލައި ހިންގުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ކުރި ކަމެކެވެ. އެގޮތުން، ޔޫތު މިނިސްޓްރީއާއި ފިނޭންސަށް ކަމަށް ބުނެ ހިލޭ ނަގާފައިވާ ދަނޑުގެ ވަގުތުތައް އެހެން ފަރާތްތަކަށް ވިއްކައި، އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކުރުން ފަދަ ޣައިރު ޤާނޫނީ އަމަލުތަކެއް ކުރިން ހިންގާފައިވާކަން އެ ކުލަބުން ވަނީ ހާމަކޮށްފައެވެ. 

ކުލަބަށް ލިބެމުންދިޔަ މިފަދަ ގެއްލުންތައް ހުއްޓުވުމަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26ގައި ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ވޯޓު ނަގައިގެން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މި މައްސަލައިގެ ތެރޭގައި ކުލަބުގެ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރަން ޖެހުމުގެ ސަބަބުން އާންމު މެމްބަރުންނަށް ދިމާވި ދަތިތަކަށް މާފަށް އެދި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުލަބުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ލެގޫންސްގެ ބޯޑުން ވަނީ ގޮވާލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު