ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލެގޫންސްގެ އިންތިޚާބު ހުއްޓުވުމަށް ނެރުނު ކޯޓު އަމުރު ބާތިލުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ލެގޫންސް ސްޕޯޓްސް ކްލަބުގެ އައު ހިންގާ ކޮމިޓީ އިންތިޚާބުކޮށް ރަޖިސްޓަރީ ކޮށްފައިވަނިކޮށް، އެ ކްލަބުގެ އިންތިޚާބީ މަސައްކަތްތައް ހުއްޓުވުމަށް ސިވިލް ކޯޓުން ދަންވަރުގެ ވަގުތެއްގައި ނެރުނު ވަގުތީ އަމުރު، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ކަނޑައަޅައި އެ ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

މި މައްސަލަ ލެގޫންސް ކްލަބުގެ ފަރާތުން މުރާޖަޢާކުރުމަށް ހުށަހެޅުމުން، މައްސަލަ ބެއްލެވި ފަނޑިޔާރު ޢަލީ ޢަބްދުﷲ ނިންމެވި ނިންމެވުމުގައި ބަޔާންކުރައްވާފައި ވަނީ، ކޯޓުން ދަންވަރު އަމުރު ނެރުމުގެ ކުރިން އޮގަސްޓް 16، 2026ގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެނގުމުގެ މަތިން އިންތިޚާބު ބާއްވައި ނިމިފައިވާ ކަމަށެވެ. އަދި އޮގަސްޓް 17ވަނަ ދުވަހު ކޯޓުން އަމުރު ނެރުނުއިރު އައު ހިންގާ ކޮމިޓީ ދަފްތަރުކޮށްދީފައިވާތީ، މިއީ ވަގުތީ އަމުރެއް ނެރެންޖެހޭ ޙާލަތެއް ނޫންކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ކުރީގެ ޙުކުމް ތަންފީޛުވެ ނިމިފައިވާތީ އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.

ލެގޫންސް ކްލަބުގެ ޣައިރު ޙާޟިރުގައި، އޮގަސްޓް 17ވަނަ ދުވަހުގެ ރޭ 00:15ގައި ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ އިޙްސާން ނެރުއްވި އަމުރުގައި، ކްލަބުގެ އިންތިޚާބާ ގުޅޭ އެންމެހައި މުޢާމަލާތްތައް ވަގުތުން ހުއްޓާލުމަށް އަންގާފައިވެއެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގައިވާ ކްލަބުގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވުނު ނަމަވެސް ފައިސާ ނުނެގޭނެހެން ފްރީޒްކުރުމަށާއި، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދައުރެއް ނެތި ކުރާ ކަންކަން ހުއްޓުވުމަށް ދިވެހި ފުލުހުންނަށް އޭރު އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅީ، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ބައިވެރިވުމެއް ނެތި އިންތިޚާބެއް ބާއްވަން އުޅޭކަމަށް ތުހުމަތުކޮށް، ދައުރު ހަމަވެފައިވާ ކުރީގެ ހިންގާ ކޮމިޓީގެ ރައީސާއި ބައެއް މެންބަރުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އާދަޔާ ޚިލާފު އަމުރު ދަންވަރު ނެރުއްވި ގާޒީ އިޙްސާންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް މައްސަލަތަކެއް ތުހުމަތުކުރެވި، އޭނާ މިހާރު ހުރީ މަޤާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކުރެވިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު