ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެސް އެސޯސިއޭޝަން ހިންގުން އޮލިމްޕިކް ކޮމިޓީއަށް

ޝެއާ ކުރޭ Facebook Telegram Viber X

އެތެރޭގެ މައްސަލަތަކާއި ކޯރަމް ގެއްލުމުގެ ސަބަބުން، ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ ސަސްޕެންޑްކުރުމަށް ފަހު، އެ އިދާރާގެ ހިންގުން ވަގުތީ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ކޮމިޝަނަރ އޮފް ސްޕޯޓްސްއިން މިއަދު ހަވާލުކުރައްވައިފިއެވެ.

ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް ވިދާޅުވި ގޮތުގައި، ޤައުމީ ކުޅިވަރާބެހޭ މަޖިލީހުގެ ލަފާގެ މަތިން ނިންމެވި މި ނިންމެވުމާ އެކު، ދެން އެސޯސިއޭޝަންގެ އިދާރީ އެންމެހާ ކަންކަން ބަލަހައްޓާނީ އެމްއޯސީން އެކުލަވާލާ ޚާއްޞަ ކޮމިޓީއަކުންނެވެ. އަދި ދުނިޔޭގެ ޗެސް ފެޑެރޭޝަން (ފިޑޭ)ގެ އިރުޝާދާއެކު، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އައު ހިންގާ ކޮމިޓީއެއް އިންތިޚާބުކުރުމުގެ މަސައްކަތް ވެސް މި ކޮމިޓީން ކުރިއަށް ގެންދާނެއެވެ. 

މި އިންތިޤާލީ މުއްދަތުގެ ތެރޭގައި އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް އެއްވެސް އިސްލާޙެއް ގެންނަން ޖެހިއްޖެ ޙާލަތެއްގައި އެކަންވެސް ކުރާނީ އެމްއޯސީގެ ކޮމިޓީންނެވެ. އަދި މި ހުރިހާ މަރުޙަލާއެއްގައި ވެސް މެންބަރު ކްލަބްތަކުގެ ފުރިހަމަ ބައިވެރިވުން އޮންނާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ ވަނީ ދެއްވާފައެވެ.

ޗެސް އެސޯސިއޭޝަންގެ ހިންގުން އެމްއޯސީއާ ހަވާލުކޮށްފައިވާއިރު، އެސޯސިއޭޝަނަށް ސަރުކާރުން ދޫކުރި ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެ، ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އަންނަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެ މައްސަލަ ތަޙުޤީޤުކުރަމުންނެވެ. 

މީޑިއާތަކަށް ތިލަވެފައިވާ ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަ ގޮތުގައި، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެސޯސިއޭޝަންގެ ރަސްމީ އެކައުންޓަށް ޖަމާވި 1.5މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 1.46މިލިއަން ރުފިޔާ ވަނީ އެސޯސިއޭޝަންގެ ރައީސް ނޫހުގެ އަމިއްލަ އެކައުންޓްތަކަށާއި އޭނާގެ އާއިލީ މެންބަރުންގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ. ނަމަވެސް ނޫހު ވަނީ މި ތުހުމަތުތައް މީގެކުރިން ދޮގުކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން މިނިވަން އޮޑިޓް ފާމަކާ ހަވާލުކޮށްގެން އެސޯސިއޭޝަންގެ ޚާއްޞަ އޮޑިޓެއް މިހާރު ކުރިއަށްގެންދާއިރު، އެ ރިޕޯޓުން ހާމަވާ ކަންކަމަށް ބިނާކޮށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅުއްވާނެކަމަށް ސްޕޯޓްސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު