މިއަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާއިރު، މިއީ ގައުމީ ކުޅިވަރުތަކުގެ ފެންވަރާއި ކުރިއެރުން ހުރި ނެތްގޮތް ވަޒަންކޮށްލުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުން ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ޓީމުތަކާއި އޮފިޝަލުން މިހާރު ވަނީ މުބާރާތް އޮންނަ ގައުމަށް ގޮސްފައެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިހާއި، ބީޗް ވޮލީބޯޅައިގެ އިތުރުން ޝޫޓިން އަދި ރާޅާއެރުން ހިމެނެއެވެ. ޚާއްސަކޮށް ރާޅާއަޅާ ޓީމުން މުބާރާތް ކުރިއަށްދާ ސަރަހައްދުގައި ފަރިތަކުރުންތައް ކުރިއަށްގެންދާކަން ތަމޫހު ފާހަގަކުރެއްވިއެވެ.
ދިވެހި ކޮންޓިންޖެންޓުގެ ދަތުރުފަތުރާއި ހުރުމުގެ ކަންކަން އިންތިޒާމުކުރުމަށް އެމްއޯސީގެ އިސް ބޭފުޅުން ވަނީ ކުރިން ޖަޕާނަށް ގޮސްފައެވެ. އެތުލީޓުން ތިބޭ ތަންތަނާ ގުޅޭގޮތުން ބައެއް ކުދިކުދި ދަތިތަކާ ކުރިމަތިވި ނަމަވެސް، މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާ ގުޅިގެން އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކުރިމަގުގައި އަންނަން ހުރި ބޮޑެތި މުބާރާތްތަކަށް އަމާޒުހިފާއިރު، މިފަދަ ގޭމްސްތަކުން ލިބޭ ތަޖުރިބާއަކީ ކުޅިވަރުގެ މިސްރާބު ކަނޑައެޅުމަށް މުހިންމު އެއްޗެއްކަމަށް ތަމޫހު ދެކެވަޑައިގަންނަވައެވެ. މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ޖުމްލަ ހަތް ކުޅިވަރެއްގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި އެތުލެޓިކްސް، ބެޑްމިންޓަން އަދި ފެތުން ވެސް ހިމެނެއެވެ.
މީގެ އިތުރުން، މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވާ މީޑިއާ ޓީމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕީއެސްއެމް ނިއުސްގެ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރު އަލީ އާދަމްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.