ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓީޓީ: ދިވެހި އަންހެން ޓީމުގެ މައްޗަށް ކަޒަކިސްތާނުން ކުރިހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގެ ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގެ އަންހެނުންގެ ޓޭބަލް ޓެނިސް އިވެންޓުގައި، ފަހަތުން އަރައި 3-2ގޭމުން ކަޒަކިސްތާނުން މެޗު ކާމިޔާބުކުރުމާ ގުޅިގެން، ރާއްޖޭގެ ގައުމީ ޓީމަށް މުބާރާތުގެ ދެވަނަ މެޗުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

މި މެޗުގައި ރާއްޖެއިން ވަނީ ފުރަތަމަ ގޭމު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފައެވެ. ކަޒަކިސްތާނުގެ ޒަނޭރްކޭ ކޮޝްކުމްބަޔޭވާއާ ދެކޮޅަށް ކުޅެ، ރާއްޖޭގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީ މި ގޭމު ކާމިޔާބުކުރީ 3-1ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދީމާ ގެންދިޔައީ 12-10، 5-11، 11-5އަދި 13-11ގެ ނަތީޖާއަކުންނެވެ.

އެހެންނަމަވެސް، މެޗުގެ ދެވަނަ އަދި ތިންވަނަ ގޭމުގައި ކަޒަކިސްތާނުގެ ކުޅުންތެރިން ވަނީ ނަތީޖާ އަނބުރާލާފައެވެ. ދެވަނަ ގޭމުގައި ޒައުރޭޝް އަކަޝޭވާއާ ދެކޮޅަށް އައިޝަތު ރަފާ ނާޒިމް ނުކުތްއިރު، އެ ގޭމުގެ ސެޓުތައް ނިމުނީ 3-11، 2-11، 11-5އަދި 13-11އިންނެވެ. މީގެ އިތުރުން، ސަރްވިނޯޒް މިރްކަދީރޯވާއާ ދެކޮޅަށް އާއިޝަތު އަލްސާ ނާފިޒު ކުޅުނު ތިންވަނަ ގޭމުގެ ސެޓުތައް ދިޔައީ 5-11، 7-11އަދި 5-11އިންނެވެ.

ނަގޯޔާގެ ސްކައި ހޯލް ޓޮޔޯޓާގައި ކުޅުނު ގްރޫޕް ސީގެ މެޗުތައް ކުރިއަށްދާއިރު، ރާއްޖެއިން މުބާރާތުގައި އެންމެ ފުރަތަމަ ނުކުތީ ދުނިޔޭގެ ރޭންކިންގެ ހަތްވަނައިގައި އޮތް ވަރުގަދަ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ސީދާ ތިން ގޭމުން ކޮރެއާ އަތުން ރާއްޖެ ބަލިވި ނަމަވެސް، ދިވެހި ކުޅުންތެރިން އަންނަނީ މުބާރާތުގައި ހިތްވަރު ގަދަ އަދި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މި ގްރޫޕުގެ އެންމެ ފަހު މެޗުގައި ދެން ވާދަކުރާނީ ދެކުނު ކޮރެއާ އާއި ކަޒަކިސްތާނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު