ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓީޓީ ޑަބަލްސްގައި ރާއްޖެއަށް ނާކާމިޔާބީ!

ޝެއާ ކުރޭ Facebook Telegram Viber X

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުޅެވެމުންދާ 20ވަނަ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުގެ ފުރަތަމަ ކުރިމަތިލުމުގައި، އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅެ ފޯރިގަދަ ކުޅުމަކަށް ފަހު ރާއްޖޭގެ ގައުމީ ޓީމު ބަލިވެއްޖެއެވެ. 

މިއަދު އޮތް މި މެޗުގައި ދިވެހިރާއްޖެ ތަމްސީލުކުރި ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމްގެ ޖޯޑުން ނުކުތީ އިންޑޮނޭޝިއާގެ ސިޓްރާ ރަސްމީ އަދި ސިންޑީ ޕުޓްރީގެ ޖޯޑާ ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 14-12އަދި 11-8އިން ގެންދިޔައީ އިންޑޮނޭޝިއާގެ ކުޅުންތެރިންނެވެ. 

އެހެންނަމަވެސް، ހިތްވަރު އެލުވާނުލައި ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން، ޖެހިޖެހިގެން އައި ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު 11-9އަދި 11-9ގެ ނަތީޖާއަކުން ރަފާއާއި ދީމާ ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

މޮޅުވާ ބަޔަކު ކަނޑައެޅުމަށް ކުޅުނު ފަސްވަނަ އަދި އެންމެ ފަހު ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް، 11-9އިން މި ސެޓު ކާމިޔާބުކޮށް މެޗުގެ މޮޅު ހޯދީ އިންޑޮނޭޝިއާއިންނެވެ. މާދަމާ ރާއްޖޭގެ ޓީޓީ ޓީމު ކުޅޭ އެއްވެސް މެޗެއް ތާވަލުކުރެވިފައެއް ނުވެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން 81ފަރާތެއް ބައިވެރިވެއެވެ. އޭޝިއާގެ 45ގައުމަކުން ވާދަކުރާ މި ބޮޑު ކުޅިވަރު އީދުގައި ޓޭބަލް ޓެނިހުގެ އިތުރުން ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ފެތުމާއި، ބެޑްމިންޓަން، ބީޗް ވޮލީ، ސާފިން، ޝޫޓިން އަދި އެތުލެޓިކްސް ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު