ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ހޮންގް ކޮންގްގެ ޕެއާއާ ވާދަކޮށް ސީދާ ދެ ސެޓުން ރާއްޖޭގެ އަންހެން ޓީމު ބަލިވެއްޖެއެވެ.
ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މި މެޗުގައި ރާއްޖެ ތަމްސީލުކުރީ އާމިނަތު އަރީޝާ އަދި ފާތުމަތު އަނާލްގެ ޕެއާއިންނެވެ. ހޮންގް ކޮންގުގެ ވިންގް މަން ޓޯ އާއި ވިންގް ޓުންގް ޓޯގެ ޕެއާއިން މި މެޗުގެ ސެޓުތައް ގެންދިޔައީ 21-2އަދި 21-9އިންނެވެ. ފުރަތަމަ ސެޓު ފަސޭހަކަމާއެކު އިދިކޮޅު ޓީމުން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ދިވެހި ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދިވެހި އަންހެން ޓީމަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މި މަހުގެ 26ވަނަ ދުވަހު މޮންގޯލިއާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. ހަމައެއާ އެކު، ބީޗް ވޮލީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދިވެހި ފިރިހެން ޓީމު މާދަމާ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގައި ކުރިއަށްދާ މި ބޮޑު ކުޅިވަރު ޢީދުގައި އޭޝިއާގެ 45ޤައުމަކުން ވާދަކުރެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކޮށްފައިވާ ގޮތުގައި، ޖުމްލަ 81މެންބަރުންގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ކޮންޓިންޖެންޓުން ހަތް ކުޅިވަރެއްގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ބީޗް ވޮލީގެ އިތުރުން ފެތުމާއި، އެތުލެޓިކްސް، ސާފިން، ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ޝޫޓިން ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.