ޖަޕާނުގެ އައިޗީ-ނަގޯޔާ ސިޓީގައި މިހާރު ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގައި ވާދަކޮށް، އަންހެނުންގެ 100މީޓަރުގެ ލޯންގްކޯސް ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު ދިވެހި ފެތުންތެރިޔާ މިރާލް ޢައިން ލަތީފް މިއަދު އައުކޮށްފިއެވެ.
މިރާލް މި ކާމިޔާބީ ހާސިލުކުރީ 1މިނެޓާއި 22.06ސިކުންތުގެ ތެރޭގައި ރޭސް ނިންމައިގެންނެވެ. މީގެ ކުރިން މި ރިކޯޑު ދަމަހައްޓަމުން އައީ ހަމްނާ އަޙްމަދެވެ. އެއީ 2025ވަނަ އަހަރު ހަންގޭރީގައި އޮތް އެ ޤައުމުގެ 127ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި 1މިނެޓާއި 23.38ސިކުންތުން އިވެންޓް ފުރިހަމަކޮށްގެން ހަމްނާ ޤާއިމުކުރި ރިކޯޑެކެވެ.
މިރާލްގެ އިތުރުން، މި މުބާރާތުގައި ރާއްޖޭގެ އެހެން ފެތުންތެރިއަކުވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން، އިއްޔެ ބޭއްވުނު ފިރިހެނުންގެ ލޯންގްކޯސް 400މީޓަރުގެ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި މުޙައްމަދު ރިހާން ޝިހާމް ވެސް ވަނީ އައު ޤައުމީ ރިކޯޑެއް ޤާއިމުކޮށްފައެވެ.
އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގައި ބާއްވާ މި ބޮޑު ކުޅިވަރު މުބާރާތުގައި އޭޝިއާގެ 45ޤައުމަކުން އެތުލީޓުން ބައިވެރިވެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ހާމަކޮށްފައިވާ ގޮތުގައި، ޖުމްލަ 81މެންބަރުންގެ މައްޗަށް އެކުލެވޭ ދިވެހި ކޮންޓިންޖެންޓް ވާދަކުރާނީ 7ކުޅިވަރެއްގައެވެ. އޭގެ ތެރޭގައި ފެތުމާއި، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޝޫޓިން، ސާފިން އަދި ޓޭބަލް ޓެނިސް ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.