ދެކުނު ކޮރެއާގެ އެތުލީޓުންނާއި އާޓިސްޓުން ފުރިހަމަކުރަންޖެހޭ މަޖުބޫރު އަސްކަރީ ތަމްރީނާއި ޚިދުމަތުގެ އުސޫލު އުވާލުމާ މެދު އެ ގައުމުގެ ސަރުކާރުން ވިސްނަން ފަށައިފިއެވެ.
މިކަން ހާމކުރެއްވީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ޗޯއީ ހުވީ ޔަންގް، ގައުމީ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ޗޯއީ ވިދާޅުވީ، މީގެ ކުރިން މި އުސޫލުގެ ސަބަބުން ހުނަރުވެރި އެތުލީޓުންނާއި އާޓިސްޓުންގެ ހުނަރުތައް ދެމެހެއްޓުމަށް އެހީތެރިވެދިން ކަމަށެވެ. ނަމަވެސް، މިހާރު އިންސާފުވެރިކަމުގެ މިންގަނޑުތަކާއި ސިފައިންގެ ޚިދުމަތާ މެދު އާންމުން ދެކޭގޮތް ބަދަލުވެފައިވާތީ، މި އުސޫލު މުޅިން އަލުން މުރާޖައާކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖުބޫރު އަސްކަރީ ޚިދުމަތުގެ ސަބަބުން ބައެއް އެތުލީޓުންގެ މެދުގައި ނުރުހުން އުފެދިފައިވާއިރު، މި މައްސަލަ ބޮޑުވީ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ ފައިނަލުގައި ޖަޕާން އަތުން 1-0އިން ދެކުނު ކޮރެއާ މޮޅުވި މެޗަށް ފަހު އެ ގައުމުގެ ތިން ކުޅުންތެރިއަކު ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
އެ މެޗުގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޔަންގް މިން ހްޔުކް ބުނީ، އޭނާ މެޗު ކުޅުނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވުރެ ބޮޑަށް، ސިފައިންގެ ޚިދުމަތުން އިސްތިސްނާވުމުގެ އިނާމު ހޯދުމުގެ ނިޔަތުގައި ކަމަށެވެ. މީގެ އިތުރުން، ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރު ޕާކް ސުންގް ސޫ ވަނީ ސިފައިންގެ ޚިދުމަތް ނިންމާ މީހުން އަޅާ ތޮއްޕެއް އަޅައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ޓީމުގެ ކެޕްޓަން ލީ ގީހްޔުކް ވެސް ވަނީ އޭނާ ހޯދި ރަން މެޑަލްއާ އެކު ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާކޮށް، ދެން ސިފައިންގެއަށް ދާން ނުޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، މި ވާހަކަތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އެ ތިން ކުޅުންތެރިން ވެސް ފަހުން ވަނީ މައާފަށް އެދިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.