ދެކުނު ކޮރެއާގެ ޑޭގޫގައި ބޭއްވި ވޯލްޑް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ ހަތަރު އެތުލީޓަކު ބައިނަލްއަޤުވާމީ ފެންވަރުގެ މުހިންމު ތަޖުރިބާތަކަކާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެފިއެވެ.
ދުނިޔޭގެ 90ޤައުމަކުން 11،000އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވި މި ބޮޑު މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ޓީމުގެ ފަރާތުން އެންމެ އުއްމީދީ ނަތީޖާއެއް ނެރެފައިވަނީ އަންހެން ދުވުންތެރިޔާ ހުސްނާ މުޙައްމަދެވެ. އޭނާ ވަނީ ޖުމްލަ ހަތަރު އިވެންޓެއްގައި ދުވެ، 800މީޓަރާއި 5،000މީޓަރުގެ ރޭހުން އަށްވަނަ، ހާފް މެރަތަންއިން ނުވަވަނަ އަދި 1،500މީޓަރުގެ އިވެންޓުން އެގާރަވަނަ މަޤާމު ކަށަވަރުކޮށްފައެވެ. މީގެ އިތުރުން، ޓީމުގެ ކޯޗުކަމާއި އެތުލީޓެއްގެ ޒިންމާ އެކުއެކީގައި އަދާކުރި މުޙައްމަދު ރަޝީދު (މޯޑު)ވެސް ވަނީ ތިން އިވެންޓެއްގައި ވާދަކޮށް، 800މީޓަރުން ދިހަވަނަ، 1،500މީޓަރުން ސާދަވަނަ އަދި ހާފް މެރަތަންއިން 22ވަނަ މަޤާމު ހާސިލުކޮށްފައެވެ.
މި ދެ އެތުލީޓުންގެ އިތުރުން، ރާއްޖޭގައި އުފެދުނު އެންމެ ބާރު އެއް ދުވުންތެރިޔާ ކަމަށްވާ މުޙައްމަދު އާމިރު 200މީޓަރުގެ ރޭހުގައި ބައިވެރިވިއިރު، ނާފިޒާ އަޙްމަދު (ނާފީ)ވަނީ 200އަދި 400މީޓަރުގެ އިވެންޓުގައި ދުވެފައެވެ.
ޖުމްލަ 34އިވެންޓް (17ޓްރެކް އަދި 11ފީލްޑް އިވެންޓް)ހިމެނުނު މި މުބާރާތުން ދިވެހި ޓީމަށް މެޑައްޔެއް ލިބިފައި ނެތް ނަމަވެސް، މިއީ ދިވެހި މާސްޓަރސް އެތުލީޓުންގެ ކުރިމަގަށް ލިބިގެންދިޔަ ނުހަނު އަގުހުރި ފުރުޞަތެއްގެ ގޮތުގައި އެތުލެޓިކްސް ދާއިރާއިން ސިފަކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.