ބައިނަލްއަޤްވާމީ މެޗުތަކަށް ދިވެހި ފުޓުބޯޅަ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެންމެ ކުރި ހޯދައިގެން ވިކްޓްރީ ސްޕޯޓްސް ކުލަބުން ލީގުގެ ކޮންޓްރޯލް ނަގައިފިއެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ވިކްޓްރީ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ކްލަބް އީގަލްސް އަދި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައި ވެއެވެ. ނަމަވެސް ވިކްޓްރީއާއި އީގަލްސްއަށް ކުރި ލިބެނީ ޖަހާފައިވާ ގޯލުގެ ތަފާތުންނެވެ. ސަސްޕެންޝަނުގެ ސަބަބުން ފުޓުބޯޅައިގެ ހަރަކާތްތަކާ ދުރަށް ދިއުމަށް ފަހު، އެނބުރި އައިސް މި ސީޒަނަށް ވިކްޓްރީން ވަނީ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކަކާ އެކު ޓީމު ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ގެނައި ބަދަލުތަކުގެ އެދެވޭ ނަތީޖާ މިހާރު މި ވަނީ ފެންނަން ފަށާފައެވެ.
ލީގުގައި މިހާތަނަށް 11މެޗު ކުޅެފައިވާއިރު، ގިނަ ޓީމުތަކުން ދެ މެޗު ވަނީ ފުރިހަމަކޮށްފައެވެ. އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ހއ. ދިއްދޫ އަދި ގދ. ގައްދޫ ރެކްރިއޭޝަން ކުލަބުން ވަނީ ތިން މެޗު ކުޅެފައެވެ. ތާވަލުގެ ހަތަރުވަނައިގައި ތިން ޕޮއިންޓާ އެކު އޮޑި ސްޕޯޓްސް ކުލަބު އޮތްއިރު، ފަސްވަނައިގައި އޮތް މާޒިޔާ، ހަވަނައިގައި އޮތް ދިއްދޫ، ހަތްވަނައިގައި އޮތް ބިސްބުރު އަދި އަށްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ދެ މެޗުން ބަލިވި ބުރު ސްޕޯޓްސް ކުލަބާއި ތިން މެޗުން ބަލިވި ގައްދޫ ރެކްރިއޭޝަނެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު ލީގުގެ ކުޅުން އަލުން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 9ވަނަ ދުވަހުއެވެ. އެ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ހަވީރު ބިސްބުރާއި ބުރު ސްޕޯޓްސް ކުލަބު ކުރިމަތިލާއިރު، ރޭގަނޑު ކުޅޭ މެޗުގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ގައްދޫ ރެކްރިއޭޝަން ނުކުންނާނެއެވެ. މިއީ މާލޭގައި ގައްދޫ ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.