ޖަޕާނުގެ ނަގޯޔާގައި ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސްއާ ވާދަކޮށް ސީދާ ދެ ސެޓުން ބަލިވެއްޖެއެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗު ކޯޓުގައި ކުރިއަށްދިޔަ މި މެޗުން ފިލިޕީންސް ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިވެހިރާއްޖެ ތަމްސީލުކުރީ އާމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާއިންނެވެ. ފިލިޕީންސްގެ ފަރާތުން ކުޅުނީ ކައިލަމް ހޯލް އަދި ސޯފިއާ ޝަނީންއެވެ. ފުރަތަމަ ސެޓު ފިލިޕީންސް އިން 21-06އިން ފަސޭހަކަމާއެކު ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެންނަމަވެސް އެ ސެޓުވެސް 21-11އިން ގެންދިޔައީ ފިލިޕީންސްގެ ކުޅުންތެރިންނެވެ.
މެޗު ނިމުމަށް ފަހު މީޑިއާއަށް މަޢުލޫމާތު ދެމުން އަރީޝާ ފާހަގަކުރި ގޮތުގައި، ފިލިޕީންސްގެ މި ޕެއާއަކީ އެ ކުޅުންތެރިންނާ މިހާތަނަށް ދެކޮޅަށް ކުޅެން ޖެހުނު އެންމެ ވަރުގަދަ ޕެއާއެވެ.
މި މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ދެން އޮންނާނީ ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމުގެ މެޗެކެވެ. މާދަމާ ހެނދުނު ރާއްޖޭގެ ގަޑިން 10:00ގައި ސެންޓަރ ކޯޓުގައި ކުޅޭ މި މެޗުގައި ދިވެހި ފިރިހެން ޕެއާ ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަޕާނާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.