ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި އީރާނުގެ ވަރުގަދަ ޕެއާއާ ވާދަކޮށް، ސީދާ ދެ ސެޓުން ރާއްޖޭގެ ފިރިހެން ޓީމު ނާކާމިޔާބީއާ ކުރިމަތިލައިފިއެވެ.
ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުރިއަށްދިޔަ މި ކުޅުމުގައި، ދިވެހިރާއްޖެ ތަމްސީލުކުރީ ޤައުމީ އެއްވަނަ ޕެއާ ކަމަށްވާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ)އަދި އާދަމް ނަސީމް (އެޑަމް)އެވެ. މި މެޗުގެ ސެޓުތައް އީރާނުގެ އާމިރް ޢަލީ އާއި އަބޮލްހައްސާންގެ ޕެއާއިން ކާމިޔާބުކުރީ 21-12އަދި 21-14ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓުގައި އީރާނުން ފަސޭހަކަމާއެކު ކުރިހޯދި ނަމަވެސް، ދެވަނަ ސެޓުގެ ކުރީކޮޅު ދިވެހި ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް، ސެޓުގެ މެދުތެރެއިން އީރާނުން އަލުން ލީޑު ނަގައި މެޗު ކާމިޔާބުކުރީއެވެ.
ބީޗް ވޮލީބޯޅައިގެ ޕްރިލިމިނަރީ ބުރުގައި ދެން އޮންނާނީ ރާއްޖޭގެ އަންހެން ޕެއާގެ މެޗެވެ. ފާތުމަތު އަނާލް އާއި އާމިނަތު އަރީޝާ ހިމެނޭ މި ޕެއާ، މާދަމާ ފަތިހު ރާއްޖެ ގަޑިން 5:00ގައި ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.
އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގައި ބާއްވާ މި ބޮޑު ކުޅިވަރު ޢީދުގައި އޭޝިއާގެ 45ޤައުމަކުން އެތުލީޓުން ބައިވެރިވެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން މަޢުލޫމާތުދޭ ގޮތުގައި، ޖުމްލަ 81މެންބަރުންގެ މައްޗަށް އެކުލެވޭ ދިވެހި ކޮންޓިންޖެންޓުން މި ފަހަރު ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އޭގެ ތެރޭގައި ބީޗް ވޮލީގެ އިތުރުން ބެޑްމިންޓަން، ޓޭބަލް ޓެނިސް، ޝޫޓިންގ، ފެތުން، ސާފިންގ އަދި އެތުލެޓިކްސް ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.