މި މަހުގެ 16އިން އަންނަ މަހުގެ 4އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާ ސިޓީގައި ބޭއްވުމަށް ތާވަލުކޮށްފައިވާ 20ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ބީޗް ވޮލީ ޓީމުން، މުބާރާތުގައި ކާމިޔާބީ ހޯދުމަށް ޓަކައި ދިވެހި އެންމެހާ ރައްޔިތުންގެ ސަޕޯޓާއި ހެޔޮދުޢާއަށް އެދިއްޖެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޓަކައި ޤައުމީ ޓީމު މި މަހުގެ 15ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ ތަމްސީލުކުރުމަށް ނުކުންނާނީ ޖުމްލަ ހަތަރު ކުޅުންތެރިންނެވެ. ފިރިހެން ބައިގައި އިސްމާއިލް ސާޖިދްއާއި އާދަމް ނަސީމްގެ ޕެއަރ ވާދަކުރާއިރު، އަންހެން ބައިގައި ފެނިގެންދާނީ އާމިނަތު އަރީޝާ އަދި ފާތުމަތު އަނާލްގެ ޕެއަރއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ޓީމުގެ މުހިންމު ކުޅުންތެރިޔާ އާދަމް ނަސީމް ހާމަކުރި ގޮތުގައި، ޓީމުގެ އެންމެ ބޮޑު އަމާޒަކީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ކުޅުމެއް ދައްކައިގެން މަދުވެގެން ދެ މެޗު ކާމިޔާބުކުރުމެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ވަރަށް ކުރީބައިގައި ފަށާފައިވާކަން ފާހަގަކުރަމުން ނަސީމް ބުނީ، ކުޅުންތެރިންގެ ފޯރިއާއި ޖޯޝު ވަރަށް ރަނގަޅު ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޓީމަށް ލިބޭ ކޮންމެ ކުރިއެރުމެއްގެ ފަހަތުގައި ދިވެހި ސަޕޯޓަރުންގެ ބޮޑު ހިއްސާއެއް ވާކަމަށާއި، އެހެންކަމުން މުޅި ޓީމުގެވެސް އުއްމީދަކީ ރައްޔިތުންގެ އިޚްލާޞްތެރި ހެޔޮ ދުޢާ އެ ކުޅުންތެރިންނާ އެކު އަބަދުވެސް ވުންކަމުގައި އޭނާ ވަނީ ބުނެފައެވެ.
އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ މި ހަތަރު ކުޅުންތެރިންނަކީ މީގެ ކުރިން ވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ހުނަރުވެރިންނެވެ. އެގޮތުން، ފާއިތުވި އަހަރު ޗައިނާގެ ސަންޔާގައި ބޭއްވި 6ވަނަ އޭޝިއަން ބީޗް ގޭމްސްއާއި، ސްރީލަންކާގެ ނެގޮމްބޯގައި ކުރިއަށް ދިޔަ ކާވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ވެސް މި ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައި، ގިނަ ބައެއްގެ ތަރުހީބު ހޯދާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.