ފްރެންޗް ލީގުގެ މެޗުތައް ދެއްކުމުގެ ހައްގުތަކާ ގުޅޭގޮތުން 2024ވަނަ އަހަރު ކުރިއަށްދިޔަ މަޝްވަރާތަކުގައި، ބީން މީޑިއާ ގްރޫޕާއި ޕީއެސްޖީގެ އިސްވެރިޔާގެ ހައިސިއްޔަތުން ނާސިރު އަލް-ޚަލީފީ އަމަލުކުރެއްވި ގޮތުން މަސްލަހަތު ފުށުއަރާކަމަށް ތުހުމަތުކޮށް، ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފިއެވެ.
ޕެރިހުގެ ޕްރޮސެކިއުޓަރުގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ބިނާވެފައިވަނީ ފްރާންސްގެ ފުޓްބޯޅަ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސް ވިއްކުމުގެ މުއާމަލާތްތަކުގެ މައްޗަށެވެ. އެގޮތުން، ކްލަބެއްގެ ރައީސްކަމާއި މީޑިއާ ކުންފުންޏެއްގެ ޗެއާމަންކަން އެއްބޭފުޅަކު ކުރެއްވުމުން އުފެދޭ ގާނޫނީ ސުވާލުތަކަކާ ގުޅިގެން ފެށި މި ތަހުގީގަށް އަމާޒުވެފައިވާ އެންމެހާ ތުހުމަތުތަކަށް އަލް-ޚަލީފީ އަދި ބީން ކުންފުނިން ވަނީ ފުރިހަމަޔަށް އިންކާރުކޮށްފައެވެ.
މި ތުހުމަތުތަކުން ދިފާއުވުމުގެ ގޮތުން ބީން މީޑިއާ ގްރޫޕުން ވަނީ ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އެތިކްސް ކޮމިޓީއަށް ރަސްމީ ސިޓީއެއް ފޮނުވާފައެވެ. އެ ލިޔުމުގައި ބަޔާންކޮށްފައިވަނީ، އަލް-ޚަލީފީއަކީ އެ ކުންފުނީގެ އެންމެ އިސްވެރިޔާ ނަމަވެސް، ބީން ސްޕޯޓްސް ފްރާންސްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ހިންގުމުގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި، އެކަންކަން ބަލަހައްޓަވަނީ ސީއީއޯ ޔޫސުފް އަލް-އުބައިދުލީ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފްރެންޗް ލީގުގެ ހިންގާ ބޯޑުގެ ބައްދަލުވުންތަކުގައި އަލް-ޚަލީފީ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި ބީން ނެޓްވޯކާ ގުޅުން ހުރި އެއްވެސް މަޝްވަރާއަކުން އޭނާ ވަނީ އެއްކިބާވެވަޑައިގެންފައެވެ. ޕްރޮސެކިއުޓަރުގެ އޮފީހުން އިތުރަށް ބުނެފައި ވަނީ، ތަހުގީގެއް ފެށުމުގެ މާނައަކީ މީހެއްގެ މައްޗަށް ކުށެއް ސާބިތުވުން ނޫންކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.