ފްރެންޗް ލީގުގައި މިރޭ އާރްސީ ސްޓްރަސްބޯއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 1-1އިން އެއްވަރުވެ، މޮނާކޯއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައި ނަމަވެސް، ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމު އެ ޓީމަށް ކަށަވަރުވެއްޖެއެވެ.
މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު 10ޕޮއިންޓާ އެކު މޮނާކޯއަށް އެއްވަނަ ލިބެނީ، މާސޭ ބަލިކުރި ރެންއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލުގެ ތަފާތުންނެވެ. އަދި މި މެޗުން ލިބުނު ޕޮއިންޓާ އެކު ސްޓްރަސްބޯ އޮތީ ހަތް ޕޮއިންޓު ހޯދައިގެން ތާވަލުގެ ހަވަނައިގައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްޓްރަސްބޯއިންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު މި ލަނޑު ވަނީ ސްޓްރަސްބޯގެ ސްޕެއިން ކުޅުންތެރިޔާ އޮސޯ ފޮނުވާލި ހިލޭ ޖެހުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މޮނާކޯގެ ސަޑިބޫ ސާނޭގެ އަތުން ބައިކޮޅަށެވެ. އެހެން ނަމަވެސް މެޗުގެ 71ވަނަ މިނެޓުގައި ޕެރިސް ބްރަނާ ވަނީ މޮނާކޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދަނޑުގެ މެދަކާ ހިސާބުން ބޯޅަ ހިފައިގެން ގޮސް އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސްޓްރަސްބޯއިން ވަނީ މޮނާކޯގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ގެސީމް ޔާސީން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ. މީގެ އިތުރުން މެޗުގެ ފަހުކޮޅު މޮނާކޯގެ ޑެނިސް ޒަކަރިއާ ގޯލެއް ޖެހި ނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ކަމަށް ނިންމާފައެވެ. މި ސީޒަނުގައި މޮނާކޯ ކޮޅަށް މިހާތަނަށް ވަދެފައި ވަނީ އެންމެ ދެ ގޯލެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.