ފްރެންޗް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ބަލިކުރުމަށް ފަހު، މޮނާކޯއިން ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ.
މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާ އެކު ނުވަ ޕޮއިންޓް ހޯދައިގެން މޮނާކޯ އެއްވަނައިގައި އޮތްއިރު، ޕީއެސްޖީއަށް އަދި މި ސީޒަނުގައި މޮޅެއް ލިބިފައެއް ނުވެއެވެ. މި ނާކާމިޔާބީއާ ޕީއެސްޖީން ކުރިމަތިލާން ޖެހުނީ، އެ ޓީމަށް އިރުޝާދުދޭ ކޯޗު ލުއިސް އެންރީކޭ 2030ގެ ނިޔަލަށް ކްލަބުގައި މަޑުކުރާގޮތަށް އެއްބަސްވުން އައުކުރިކަން އިއުލާނުކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 31ވަނަ މިނެޓުގައި ޚްވިޗާ ކްވަރަޝްކޭލިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑެއް ކާމިޔާބުކޮށްދީ ޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު މާކީނިއޯސްއެވެ. ވީއޭއާރް މެދުވެރިކޮށް ރެފްރީ ގަބޫލުކުރި މި ގޯލަކީ، ލިލްއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްފަދައިން ވިދިވިދިގެން މާކީނިއޯސް ޖެހި ދެވަނަ ގޯލެވެ.
މެޗުގެ ނަތީޖާ އަނބުރާލުމަށް މޮނާކޯއިން ކުރި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފުގައެވެ. އެގޮތުން 58ވަނަ މިނެޓުގައި ޖޯޑަން ޓޭޒްގެ އެހީތެރިކަމާއެކު ބޮލުން ގޯލެއް ޖަހައި ނަޒީނިއޯ ނަތީޖާ ހަމަހަމަކޮށްދިންއިރު، މިއީ މުޅި މެޗުގައިވެސް މޮނާކޯއިން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއެވެ. އޭގެ ފަހުން 72ވަނަ މިނެޓުގައި ސްޓެނިސް އިޑުމްބޯ ވަނީ ޕެނަލްޓީ އޭރިއާގެ ތެރެއިން ގޯލުގެ ކަނަށް ބާރު ބޯޅައެއް ފޮނުވާލައިގެން މޮނާކޯއަށް މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މެޗަށް ނުކުތުމުގެ ކުރިން ޕީއެސްޖީގެ ކޯޗުގެ އިތުރުން ލޫކަސް ބެރަލްޑޯ، ސެނީ މަޔޫލޫ، ޖޮއާއޯ ނެވޭސް، ވިލިއަން ޕަޗޯ އަދި ފަބިއަން ރުއިޒް ފަދަ ކުޅުންތެރިންތަކެއް ވެސް ވަނީ ކްލަބާއެކު އައު ކޮންޓްރެކްޓްތަކުގައި ސޮއިކޮށްފައެވެ. ފްރެންޗް ލީގުގައި ރޭ ކުޅުނު އަނެއް މެޗުން އޭޖޭ އޮޒެއާގެ މައްޗަށް 3-1ގެ ނަތީޖާއަކުން އޮލިމްޕިކް ލިޔޯން ވަނީ ކުރިހޯދާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.