ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއަށް ކުރިމަތިވަމުންދާ އަނިޔާގެ ސިލްސިލާ މައްސަލަތަކާ ގުޅިގެން، ފްރެންޗް ލީގުގެ ކްލަބް މޮނާކޯއިން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ރަސްމީކޮށް ބާތިލްކޮށްފިއެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގައި މޮނާކޯއާ ގުޅުނު އުމުރުން 33އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓްގައި ބާކީ އެއް ސީޒަން އޮއްވައި ކްލަބުން މިގޮތަށް ނިންމީ، ފާއިތުވި ސީޒަނުގައި އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމާއި، އަދިވެސް އިތުރު ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވުމުންނެވެ. އޭނާ ވަނީ މޮނާކޯއާ އެކު ފުރަތަމަ ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނިމިދިޔަ ސީޒަނުގައި ޕޮގްބާއަށް މޮނާކޯގެ ޖާޒީގައި ކުޅެވުނީ އެންމެ ހަ މެޗުގައެވެ. އޭގެ ތެރެއިން ފަސް މެޗުގައި އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ކްލަބާ ވަކިވުމަށްފަހު ޕޮގްބާ ބުނީ، ދިގު މުއްދަތަކަށް ފަހު އެނބުރި އައިސް އޭނާ އުންމީދުކުރި ފަދަ ކުޅުމެއް ނުދެއްކުނު ކަމުގައިވިޔަސް، މޮނާކޯއިން ބެހެއްޓި ގާތްކަމަށާއި ކޮށްދިން ކަންކަމަށް ނުހަނު ޝުކުރުވެރިވާ ކަމަށެވެ.
މީގެ ކުރިން 2023ވަނަ އަހަރު އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުންދިޔައިރު ނެގި ސާމްޕަލްއަކުން މަނާބޭހަށް ޕޮޒިޓިވްވުމާ ގުޅިގެން، 2024ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ހަތަރު އަހަރަށް ސަސްޕެންޑް ކުރެވުނެވެ. އެހެންނަމަވެސް، 2018ގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޕޮގްބާ އޭނާގެ ކުށަށް އިއުތިރާފުވުމުން، އެ އަދަބު ލުއިކޮށްދީ 2025ވަނަ އަހަރުގެ މާޗް މަހަށް ސަސްޕެންޝަން ވަނީ ކުރުކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.