މެންޗެސްޓާ ސިޓީގެ ކޯޗުކަމުން މިދިޔަ ސީޒަނަށް ފަހު ވަކިވި ލެޖެންޑަރީ ކޯޗު ޕެޕް ގާޑިއޯލާ، އެ ޓީމުގެ އިއްތިހާދު ސްޓޭޑިއަމަށް އެނބުރި އައި މެޗުން، ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އަތުން ސިޓީ ވަނީ ބަލިވެފައެވެ.
ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކްގެ ފަހަތުގައި އިނދެ ގާޑިއޯލާ މެޗު ބަލަން އިންދައި، ލުއިސް އެންރީކޭގެ ޕީއެސްޖީން ވަނީ ފުރަތަމަ ހާފުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި 3-0ގެ ލީޑެއް ނަގާފައެވެ.
މެޗުގެ 15ވަނަ މިނެޓު ވެސް ނުވަނީސް ޑެޒިރޭ ޑުއޭއާއި އުސްމާން ޑެމްބެލޭ ޖެހި ލަނޑުތަކުން ޕީއެސްޖީން 2-0ގެ ލީޑެއް ނެގިއެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް، އޭރިއާ ބޭރުން ފޮނުވާލި ވަރުގަދަ ހަމަލާއަކުން ވިޓީނިއާ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. "ދި އެތުލެޓިކް"ނޫހުގެ ތިން ލިޔުންތެރިޔަކު ގުޅިގެން ލިޔެފައިވާ އެނަލިސިސްގައި ފުޓްބޯޅަ ލިޔުންތެރިޔާ ޖެކް ލޭންގް ފާހަގަކުރި ގޮތުގައި، އެހާ މޮޅު ފުރަތަމަ ހާފެއް ފުޓްބޯޅަ މެޗެއްގައި އޭނާ މިހާތަނަށް ނުދެކެއެވެ.
"މެޗުގެ ފުރަތަމަ 45މިނެޓުގައި ފެނިގެންދިޔަ ކުޅުމަށް ބަލާއިރު، އެއީ ހަނދާނުގައި ހުރި އެންމެ ވަރުގަދަ ހާފަށް ވުން ވެސް އެކަށީގެންވެ އެވެ"ޖެކް ލޭންގް.
ދެވަނަ ހާފަށް ނުކުމެ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ގެނެސްދިން ތިން ބަދަލާއެކު އެ ޓީމުން ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން އާލިންގް ހާލަންޑް ޖަހައިދިން ދެ ލަނޑާ އެކު ސިޓީން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ނަމަވެސް، މެޗުގެ ފޯރިގަދަވި ދަނޑިވަޅެއްގައި ޕީއެސްޖީގެ މެގްނެސް އަކްލިއުޗޭ ފޮނުވާލި ހަމަލާއެއް ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުއްމާގެ އަތުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުން ސިޓީގެ އެނބުރި އައުމުގެ އުއްމީދުތައް ފުނޑުފުނޑުވިއެވެ.
މުޅި މެޗުގައި ސިޓީން 27ހަމަލާ އުފެއްދި ނަމަވެސް، ލުއިސް އެންރީކޭގެ ވަރުގަދަ ޕީއެސްޖީ އަތުން ބަލިވުން ނޫން ގޮތެއް އެ ޓީމަކަށް ނުވިއެވެ. މެޗުގެ ފަހުކޮޅު ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ ކީޕަރު ޑޮނަރުއްމާ ވަނީ ދިފާއުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.