ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެން ބަލިކޮށް ދެވަނައަށް ލިޔޯން އަރައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސަޕޯޓަރުންގެ އަމަލުތަކާ ހުރެ ކުޅުން މެދުކަނޑާލަން ޖެހުނު ނަމަވެސް، 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ރެންގެ މައްޗަށް ކުރިހޯދައި އޮލިމްޕިކް ލިޔޯނުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މި ފުރިހަމަ ކާމިޔާބީއާއެކު ލިޔޯނަށް ވަނީ ކުޅުނު ފަސް މެޗުން އެގާރަ ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް އޭއެސް މޮނާކޯއަށް ލިބިފައިވަނީ ލިޔޯނަށް ވުރެ ދެ ޕޮއިންޓް އިތުރަށެވެ. މޮނާކޯއިން ވަނީ އެންމެ ފަހުން ލޯންސްއާ ދެކޮޅަށް ކުޅުނު މެޗު 2-1އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އާނެސްޓް ނުއަމާގެ ދެ ލަނޑުން ލިޔޯނުން ލީޑު ނަގާފައި ވަނިކޮށް، އެ ޓީމުގެ ސަޕޯޓަރުން ވަނީ ވާދަވެރި ސެއިންޓް އެޓިއެންއަށް ނިސްބަތްކޮށް ފުރައްސާރަކުރުމުގެ ގޮތުން ބެނާއެއް ދައްކާފައެވެ. މީގެ ސަބަބުން ރެފްރީ ވަނީ ކުޅުންތެރިން ދަނޑުން ބާލައި، ކުޑަ އިރުކޮޅަކަށް މެޗު ހުއްޓާލާފައެވެ.

މެޗު އަލުން ފެށުމަށް ފަހު ވެސް ލިޔޯނުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ޒަކަރީ އަތެކަމޭ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، ހަތަރުވަނަ ލަނޑު މެޗުގެ 76ވަނަ މިނެޓުގައި ޖަހައިދިނީ ކޮރެންޓިން ޓޮލިސޯއެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރެން އިން ކުޅުނު ނަމަވެސް، ލިޔޯންގެ ގޯލަށް ނުރައްކާކުރާނެ މާބޮޑު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މިއާއެކު ރެން މިހާރު އޮތީ 10ޕޮއިންޓާ އެކު ލީގުގެ ފަސްވަނަ މަގާމުގައެވެ.

ފްރެންޗް ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޑެންމާކުގެ ފޯވާޑް ކެސްޕަރ ޓެންގްސްޓެޑް ޖަހައިދިން ދެ ލަނޑާއެކު ޓޫލޫސްއިން ވަނީ އަމިއްލަ ދަނޑުގައި 3-2އިން ލެ ހާވްރާ ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދާފައެވެ. އަދި އެންޖާސްއިން ޓްރޮއިސްގެ މައްޗަށް ކުރި ހޯދިއިރު، ލޯރިއެން ވަނީ ލެ މާންސް އަތުން ބަލިވެފައެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)މާދަމާ ރޭ ނުކުންނާނީ ވަރުގަދަ އޮލިމްޕިކް މާސޭއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު