ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރެންއިން މާސޭގެ މައްޗަށް ކުރިހޯދައި ލީގުގެ އެންމެ ކުރިއަށް

ޝެއާ ކުރޭ Facebook Telegram Viber X

ފްރެންޗް ލީގުގައި އެޑްރިއަން ތޯމަސަން ކާމިޔާބުކުރި ހަމައެކަނި ލަނޑުން އޮލިމްޕިކް ޑި މާސޭ 1-0އިން ބަލިކޮށް، ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ރެން އިން މުބާރާތުގެ ތާވަލުގެ އެންމެ ކުރިއަށް ރޭ ޖެހިލައިފިއެވެ.

ރެންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގައިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޫސާ ތަމާރީ ބޮލުން ދިން ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ 52ވަނަ މިނެޓުގައި ތޯމަސަން މި ޖެހި ލަނޑަކީ، ލޯންސް ދޫކޮށް އޭނާ ރެން އާ ގުޅުނު ފަހުން ޖަހައިދިން ފުރަތަމަ ގޯލެވެ. މީގެ އިތުރުން ވެސް، ލީޑު ފުޅާކުރުމަށް އުމުރުން 32އަހަރުގެ ތޯމަސަން އަށް 72ވަނަ މިނެޓުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ނަތީޖާއާ އެކު މާސޭ އަށް ވަނީ ލީގުގައި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސީޒަނުގެ ފުރަތަމަ މެޗުގައި ސްޓްރަސްބޯ ކޮޅަށް ހަތަރު ލަނޑު ޖަހައިގެން މޮޅުވި ނަމަވެސް، މިއީ އެ ޓީމު ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރެވެ. ކުރިން މޮނާކޯ އަދި ޕެރިސް އެފްސީ އަތުން ވެސް މާސޭ ވަނީ ބަލިވެފައެވެ. ތިން ޕޮއިންޓާ އެކު މާސޭ މިވަގުތު އޮތީ ތާވަލުގެ 11ވަނައިގައެވެ.

ތާވަލުގެ ކުރީގައި ރެން އޮތްއިރު، ނުވަ ޕޮއިންޓާއެކު ދެވަނައިގައި އޮތީ މޮނާކޯއެވެ. ކުރިއަށް އޮތް މެޗުގައި ސްޓްރަސްބޯއާ ދެކޮޅަށް ކުޅެގެން މޮނާކޯއަށް އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އަނެއްކޮޅުން، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އޮތީ ދެ ޕޮއިންޓާ އެކު 13ވަނައިގައެވެ. އާދީއްތަ ދުވަހުގެ ރޭ ބްރެސްޓް ބަލިކޮށްފި ނަމަ، މާސޭ ފަހަތަށް ޖައްސާލުމަށް ފަހު ޕީއެސްޖީއަށް ކުރިއަށް ޖެހިލެވޭނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު