އަންނަ އާދީއްތަ ދުވަހު ޕެނަމާއާ ދެކޮޅަށް ބްރެޒިލް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ ވާމް-އަޕް މެޗުގައި ފޯވާޑް ނޭމާ ފެނުމުގެ ފުރުޞަތު ކުޑަ ނަމަވެސް އޭނާ ހުރީ ވޯލްޑްކަޕާ މެދު ވަރަށް ފައްސި ވިސްނުމެއްގައެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮއްޓީ މީގެ ކުރިން ގައުމީ ޓީމަށް ކުޅުންތެރިން ނެގިއިރު ނޭމާ އަށް ފުރުސަތު ނުދީ ދޫކޮށްލީ، ފިޓްނަސް ސައްތައިން ސައްތަ ހުރި ކުޅުންތެރިންނަށް ނޫނީ ފުރުސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެހެންނަމަވެސް، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ނެގި ބްރެޒިލްގެ 26 ކުޅުންތެރިންގެ ސްކޮޑުން ނޭމާގެ ނަން އިއުލާން ކުރި ވަގުތު، އޭނާގެ ގޭތެރެއިން ފެނުނު އަސަރު ގަދަ މަންޒަރުތަކާ އެކު، ހުނަރުވެރި ފޯވާޑަށް ފުރުސަތު ދޭން ތަޖުރިބާކާރު އިޓަލީ ކޯޗު ނިންމިއެވެ.
މިއީ ނޭމާ ވޯލްޑް ކަޕެއްގައި ވާދަކުރާ ހަތަރުވަނަ ފަހަރަށް ވާއިރު، އޭނާގެ އަމާޒަކީ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި ހޯދުމެވެ. 2014ވަނަ އަހަރު ބްރެޒިލް ހަތަރުވަނަ ހޯދިއިރު، އޭގެ ފަހުން ބޭއްވި ދެ މުބާރާތުގައި ވެސް އެ ޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސަންތޯސް އަމިއްލަ ދަނޑުގައި ބަލިވި މެޗުގައި ނޭމާ ދަނޑުން ފޭބި ގޮތް އަންޗެލޮއްޓީގެ ސަމާލުކަމަށް ނައިސް ނުދާނެއެވެ. އަދި އެ ހުރިހާ ކަމަކާ އެކު ވެސް އޭނާ ޓީމަށް ނެގުމުން ހާމަވަނީ ބްރެޒިލްގެ މި ތަރީގެ އާދަޔާ ހިލާފު ހުނަރަށް ކޯޗު ކުރާ އިހުތިރާމެވެ.
ނަމަވެސް، އަނިޔާގެ މައްސަލަތައް ގިނައިން ދިމާވާ ފޯވާޑް، ކަނާތު ފައިގެ ކޮޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އިތުރު މެޑިކަލް ޓެސްޓުތަކެއް ހަދަން ޖެހުމުން، ބުދަ ދުވަހު ބޭއްވި ބްރެޒިލްގެ ފުރަތަމަ ތަމްރީނު ސެޝަންގައި ބައިވެރިއެއް ނުވެއެވެ. މިކަން ހާމަކޮށްފައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) އިންނެވެ.
ބްރެޒިލް ލީގު ބްރެސިލީރާއޯގައި ކޮރިޓީބާ އަތުން ސަންތޯސް އެފްސީ ބަލިވި މެޗުގައި މޭ 17ވަނަ ދުވަހު ލިބުނު އަނިޔާއަށްފަހު ނޭމާ ހުރީ ކުޅުމާ ދުރުގައެވެ. ސީބީއެފްގެ މެޑިކަލް ޓީމުން ބުނީ އިތުރު ޓެސްޓުތައް ހަދަނީ އަނިޔާގެ ސީރިއަސް މިން ދެނެގަތުމަށް ކަމަށެވެ.
އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޭމާ އެމްއާރުއައި ސްކޭނެއް ހެދުމަށް ދިޔައީ ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ އާއެކުގައެވެ.
ރިއޯ ޑި ޖެނީރޯ ކައިރީގައި އޮންނަ ޓެރެސޯޕޮލިސްގައި ހުންނަ ގައުމީ ޓީމުގެ ކޭމްޕަށް ނޭމާ އެ ދުވަހުގެ ކުރީކޮޅު ރިޕޯޓްކުރި ނަމަވެސް، އޭނާ ދަނޑުމަތީގެ ތަމްރީނުތަކުގައި ބައިވެރިއެއް ނުވެއެވެ. އާދީއްތަ ދުވަހު ބްރެސިލިއާގައި ޕެނަމާއާ ދެކޮޅަށް ބްރެޒިލް ކުޅޭ ފުރަތަމަ ވާމް-އަޕް މެޗުގައި އޭނާ ކުޅޭނެކަމާ މެދު ސުވާލު އުފެދެނީ މެޑިކަލް ޓެސްޓުތަކުގެ ނަތީޖާ ލިބިފައި ނުވާތީއެވެ.
ބްރެޒިލްގެ ދެވަނަ ޕްރެކްޓިސް މެޗުގައި ޖޫން 5 ވަނަ ދުވަހު ނުކުންނާނީ މިޞްރާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.