ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ނޯވޭ އަތުން 2-1އިން ބަލިވެ ބްރެޒިލް މުބާރާތުން ކެޓުމާއެކު، އެ ގައުމުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ނޭމާ އިއުލާންކޮށްފިއެވެ.
"އަހަރެން މަސައްކަތް ކުރިން"އާދީއްތަ ދުވަހުގެ މެޗަށްފަހު ނޭމާ ބުންޏެވެ. "މިކަން ފެށުނީ މިތަނުން، މެޓްލައިފް ސްޓޭޑިއަމްއިން. އަދި އަހަރެން މި ނިންމާލީ ވެސް މިތަނަށް. މިހާރު މިއޮތީ ނިމިފައި"
އުމުރުން 34އަހަރުގެ ނޭމާ ބްރެޒިލްގެ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނީ 10އޮގަސްޓް 2010ގައެވެ. އެއީ ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ހުންނަ މި ސްޓޭޑިއަމްގައި އެމެރިކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ.
އޭނާއަކީ ބްރެޒިލްގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި ހައިރާންވާންޖެހޭ ކަމަކީ، ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ޕެލޭގެ ރެކޯޑް ފަހަތަށް ޖައްސާލުމަށް ފަހު އޭނާ ވަނީ އެއްވަނަ ހޯދާފައެވެ.
ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، މެޗުގެ ފަހު މިނެޓުތަކުގައި އޭނާ ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހާފައެވެ. މެޗު ނިމުނުކަމުގެ ފަހު ކަށިގަނޑާ އެކު އޭނާ ދަނޑުމައްޗަށް ވެއްޓި ރޮއިގަތްއިރު، ޓީމުގެ އެހެން ކުޅުންތެރިން ވަނީ އޭނާއަށް ހިތްވަރުދީފައެވެ.
ކަނާތު ފައިގެ ކޮނޑުމަހަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން، މި މުބާރާތުގައި ބްރެޒިލް ކުޅުނު ފަސް މެޗުގެ ތެރެއިން ނޭމާއަށް ކުޅެވުނީ އެންމެ ދެ މެޗުގައެވެ. މީގެ އިތުރުން ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ 15މިނެޓަށް ކުޅެން ނިކުމެފައެވެ.
ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހުރި ނޭމާގެ ކުޅުމަށް ފަހަކަށް އައިސް ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ބްރެޒިލް މިހާރު މިސްރާބު ޖަހާފައި ވަނީ އާ ޖީލަކާއެކު އާ ބަދަލުތަކަކަށެވެ.
“އަހަރެމެން އެދެނީ އާ ޖީލުގެ ކުޅުންތެރިންނަށް ސަޕޯޓަރުން ކެތްތެރިކަން ދެއްކުމަށާއި، ފެށުނީއްސުރެ އެ ކުޅުންތެރިންނަށް އެއްބާރުލުން ދިނުމަށް،” ކެޕްޓަން މާކީނިއޯސް ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.