ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނޭމާއަށް ބްރެޒިލްގެ 10 ނަންބަރު ޖާޒީ އަލުން ދީފި

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ބްރެޒިލުން އެކުލަވާލި 26ކުޅުންތެރިންގެ ސްކޮޑުގެ ޖާޒީ ނަންބަރުތައް ފައިނަލްކޮށް އިއުލާންކުރިއިރު، ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައިވާ މަޝްހޫރު 10ނަންބަރު ޖާޒީ އަނިޔާގައި ހުރި ތަރި ނޭމާ ޖޫނިއާ އަށް ދީފިއެވެ.

މިއީ ޖެހިޖެހިގެން އޭނާ 10ނަންބަރު ޖާޒީގައި ކުޅޭނެ ހަތަރު ވަނަ ވޯލްޑް ކަޕެވެ. ނޭމާއަށް މި ނަންބަރު ދިނުމާ މެދު ސުވާލު އުފެދުނީ، އަނިޔާގެ ސަބަބުން އޭނާ އަކީ ޓީމުގެ ފުރަތަމަ 11އިން ޖާގަ ލިބޭނެ ކުޅުންތެރިއަކަށް ނުވާތީއެވެ.

އުމުރުން 34އަހަރުގެ ނޭމާ އަކީ އަނިޔާގައި ހުއްޓަސް ބްރެޒިލްގެ އެންމެ މަޝްހޫރު ކުޅުންތެރިޔާއެވެ. އޭނާ ގައުމީ ޓީމުގައި ހިމެނުމަށް ސްޕޮންސަރުންނާއި ސަޕޯޓަރުން ބާރުއަޅާފައިވާއިރު، މިއީ އޭނާ ޓީމަށް ނެގި އެންމެ މުހިންމު އެއް ސަބަބު ވެސް މެއެވެ. ނޭމާގެ އިތުރުން މި ނަންބަރަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވުނު ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ދީފައި ވަނީ ހަތް ނަންބަރު ޖާޒީއެވެ. ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، 10ނަންބަރު ޖާޒީ ނޭމާ އަށް ދިނުމަށް ޚުދު ވިނީޝިއުސް ވެސް ވަނީ ބާރުއަޅާފައެވެ.

ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން، ޖޫން 14ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ނޭމާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ބްރެޒިލް ޓީމުގެ އެހެން ކުޅުންތެރިންގެ ޖާޒީ ނަންބަރުތަކަށް ބަލާއިރު، އެއް ނަންބަރު ޖާޒީ ދީފައިވަނީ ގޯލްކީޕަރު އަލިސަން ބެކާއަށެވެ. އަދި އާސެނަލްގެ ޑިފެންޑަރު ގަބްރިއަލް އަށް ތިން ނަންބަރު ދީފައިވާއިރު، ޕީއެސްޖީގެ ކެޕްޓަން މާކުއިކޯސް ބޭނުންކުރާނީ ހަތަރު ނަންބަރެވެ.

މީގެއިތުރުން، ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯއަށް ފަސް ވަނަ ނަންބަރު ދީފައިވާއިރު، ބްރެޒިލްގެ ނުވަ ނަންބަރު ޖާޒީ ހަވާލުކޮށްފައި ވަނީ މަތިއަސް ކުންޔާއަށެވެ. ބާސެލޯނާގެ ރަފީނިއާ 11ނަންބަރު ޖާޒީގައި ފެންނާނެއިރު، ގޯލްކީޕަރުންގެ ތެރެއިން ވެވެޓަން އަށް 12ނަންބަރު އަދި އެޑަސަން އަށް ދީފައި ވަނީ 23ނަންބަރު ޖާޒީއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު