ކުރިއަށް އޮތް ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗުތަކުގައި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު ލީޑުކުރުމުގެ ޒިންމާ، އަނިޔާއިން ސަލާމަތްވެ އަލުން ސްކޮޑާ ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ)އާ، ކޯޗު އިސްތަވާން އުރްބާނީ ރޭ ހަވާލުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އުރްބާނީ ބުނީ، ޓީމުގެ ކެޕްޓަންކަމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އުފުލޭނެ ކުޅުންތެރިއަކީ ސަމުއްޓޭ ކަމަށެވެ. އަދި އޭނާގެ ކިބައިގައި ހުރި ލީޑަރުކަމުގެ ސިފަތަކަކީ މިވަގުތު ޓީމަށް ނުހަނު ބޭނުންތެރި ސިފަތަކެއްކަން ވެސް ކޯޗު ފާހަގަކުރިއެވެ.
ރާއްޖޭގެ ފުޓުބޯޅައަށް 75އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ޖޫން މަހު ކުޅުނު ޑައިމަންޑް ޖުބިލީ މުބާރާތުގައި އަނިޔާގެ ސަބަބުން ސަމުއްޓޭއަށް ނުކުޅެވުނުއިރު، އެ މުބާރާތުގައި ކެޕްޓަން ބޭންޑް އެކި ކުޅުންތެރިންނާ ކޯޗު ހަވާލުކުރިއެވެ. ސަމުއްޓޭ އެންމެ ފުރަތަމަ ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑް އެޅީ 2018ވަނަ އަހަރު އޭރުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީއަށް އަނިޔާވުމާ ގުޅިގެންނެވެ. އޭގެ ފަހުން 2019އިން ފެށިގެން އެ މަޤާމުގެ ޒިންމާތައް އޭނާ އުފުލަމުން އައި ނަމަވެސް، ރަސްމީކޮށް އޭނާއަށް ކެޕްޓަންކަން ދިނީ 2023ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައެވެ.
ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެއިން ތިން މެޗެއް ކުޅޭނެއެވެ. މިއީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރީވުމުގެ ގޮތުން ކުޅޭ މެޗުތަކެކެވެ. ފުރަތަމަ މެޗުގައި މި މަހުގެ 24ވަނަ ދުވަހު ދުނިޔޭގެ ރޭންކިންގެ 91ވަނައިގައި އޮތް ޗައިނާއާ ދެކޮޅަށް ކުޅުމަށް، ޤައުމީ ޓީމު މާދަމާ ހަވީރު ފުރާނެއެވެ. ތާރީޚަށް ބަލާއިރު ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފައެވެ.
ޗައިނާ މެޗަށް ފަހު ދެން ޓީމު މިސްރާބުޖަހާނީ ކިރިގިސްތާނަށެވެ. އެގޮތުން މި މަހުގެ 28ވަނަ ދުވަހު ދުނިޔޭގެ 106ވަނައިގައި އޮތް ކިރިގިސްތާނާ ބައްދަލުކުރާނެއެވެ. އަދި އޮކްޓޫބަރު 1ވަނަ ދުވަހު ކިރިގިސްތާނުގައި ކުޅޭ ތިންވަނަ މެޗުގައި ނުކުންނާނީ 107ވަނައިގައި އޮތް ލުބުނާނާ ދެކޮޅަށެވެ.
ދުނިޔޭގެ ރޭންކިންގެ 173ވަނައިގައި މިވަގުތު ރާއްޖެ އޮތްއިރު، އެންމެ ފަހުން ކުޅުނު މުބާރާތުގައި ޕާކިސްތާނާއި އަފްޣާނިސްތާން އަތުން ވަނީ ބަލިވެފައެވެ. ނަމަވެސް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.