ބ. ހިތާދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ކުރިއަށްގެންދިޔަ "ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ"ގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ބަގޭސް ސްޕޯޓްސް ކުލަބު ބަލިކުރުމަށް ފަހު، މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ބަރާބަރު އެފްސީން ރޭ ހޯދައިފިއެވެ.
ހިތާދޫ ފުޓްސެލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު ވަނީ 1-1އިން އެއްވަރުވެފައެވެ. މެޗު ފެށިގެން ކުރީކޮޅު ބަގޭސް ޓީމުގެ މުޙައްމަދު ޢަބްދުﷲ (މޯޑު)ޖަހައިދިން ގޯލާއެކު އެ ޓީމުން މެޗުގެ ލީޑު ނެގި ނަމަވެސް، މެޗުގެ ކޮންޓްރޯލް އޮތީ ބަރާބަރު އެފްސީގެ އަތުގައެވެ. ބަގޭސްއިން މެޗުގެ ފަހު ސިކުންތާ ހަމައަށް ވެސް ލީޑު ހިފަހައްޓައިގެން ތިއްބާ، ބަރާބަރު އެފްސީން ވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކީޕަރު އިބްރާހީމް ނާޖިހު (ހޭޓު)ކުރިއަށް އަރައި ތަނަވަސްކޮށްދިން ފުރުސަތަކުން، ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޢަލީ ހައިޝަމް (ޗުމްޕު)އެވެ.
ނަތީޖާ ނެރުމަށް ޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓް ބަރާބަރު އެފްސީން ކާމިޔާބުކުރީ 6-5ގެ ނަތީޖާއަކުންނެވެ. މި ޝޫޓްއައުޓްގައި ބަގޭސް ޓީމަށް ނާކާމިޔާބުވީ، އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން މޯޑު ފޮނުވާލި ޕެނަލްޓީއެވެ.
މުޅި މުބާރާތަށް ބަލާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން 10ގޯލާ އެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ވެސް ހާސިލުކުރީ ބަގޭސް އެސްސީގެ ކެޕްޓަން ވިޝާހު ޢަބްދުލްމަޖީދު (ވިއްޓު)އެވެ. މީގެ އިތުރުން ސޯޅަ އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ވަރިހަމަ ޕްލަސްގެ ގޯލްކީޕަރު ލޫތު ބިން އަޙްމަދު ޢިމާދު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ ބަގޭސްގެ ވިއްޓުއާއި އިސްމާޢީލް ރަޔާން، ބަރާބަރު އެފްސީގެ ޗުމްޕު އާއި އަޙްމަދު ޙުސައިން (އައްމަޑޭ)ގެ އިތުރުން ޑީސީއެސްސީގެ އުނައިޝް އަޙްމަދެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.