ބ. ހިތާދޫ ކައުންސިލުން އިސްނަގައިގެން ބާއްވާ "ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ"ގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލްގެ ޖާގަތައް ބަގޭސް ސްޕޯޓްސް ކުލަބް (އެސްސީ)އަދި ބަރާބަރު އެފްސީން ކަށަވަރުކޮށްފިއެވެ.
އިއްޔެ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ ކުރިމަތިލުމުގައި ބަގޭސް އެސްސީން ވަނީ 11-3ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަގޭސް ކަންމަތި ބަލިކޮށްފައެވެ. މި މެޗުގައި ބަގޭސް އެސްސީގެ ކެޕްޓަން ވިޝާހު ޢަބްދުލްމަޖީދު (ވިއްޓު)ގެ އިތުރުން މުޙައްމަދު ޒައިން ނިޔާޒް އަދި އިސްމާޢީލް ރަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ބަގޭސް ކަންމަތީގެ ލަނޑުތައް އަލްސަން އާމިރާއި މަނާލް އަޙްމަދު ކާމިޔާބުކޮށްދިންއިރު، މަނާލް ވަނީ ބަގޭސް އެސްސީގެ ކީޕަރު ކުރިއަށް ނުކުމެ ހުރި ވަގުތެއްގެ ފައިދާ ނަގައި އަމިއްލަ ހާފުން ފޮނުވާލި ހަމަލާއަކުން ރީތި ގޯލެއް ޖަހާފައެވެ.
ސެމީގެ ދެވަނަ މެޗުގައި ބަރާބަރު އެފްސީން ފައިނަލުގެ ޓިކެޓް ހޯދީ ޑީސީއެސްސީއާ ވާދަކޮށް 4-1އިން ކުރިހޯދައިގެންނެވެ. ޤައުމީ ފުޓްސެލް ޓީމުގެ ކީޕަރު އިބްރާހީމް ނާޖިހު (ހޭޓު)އާއި ހުނަރުވެރި ކުޅުންތެރިޔާ ޢަލީ ހައިޝަމް (ޗުމްޕު)ގެ އެހީތެރިކަމާއެކު ބަރާބަރު އެފްސީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ޑީސީއެސްސީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ، އުނައިޝް އަޙްމަދު ފޮނުވާލި ބޯޅައެއް ބަރާބަރު އެފްސީގެ މުނީޒްގެ ބޮލުގައި ޖެހިފައި ގޯލަށް ވަން ލަނޑެކެވެ.
މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 20:30ގައެވެ. މި މެޗު އެސްއެސްޓީވީ އަދި ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.