ބ. ހިތާދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ފެށި "ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026"ގެ ފުރަތަމަ ދުވަހުގެ މެޗުތަކުގައި ބަގޭސް ސްޕޯޓްސް ކުލަބުން ޑީއެފްޓީގެ މައްޗަށް 13-1ގެ ބޮޑު ތަފާތަކުން ކުރިހޯދިއިރު، މުބާރާތް ހުޅުވި މެޗުގައި ވާދަކުރި ވަރިހަމަ ޕްލަސްއާއި ބީއެސްސީ ލެޖެންޑްސް 1-1އިން އެއްވަރުވެއްޖެއެވެ.
މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބަގޭސް އިން ދައްކާލީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. މުޅި މެޗުގެ ފުރިހަމަ ކޮންޓްރޯލް އެ ޓީމުން ނެގިއިރު، މުޙައްމަދު ޢަބްދުﷲ (މޯޑު)ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ވިޝާހު ޢަބްދުލް މަޖީދު (ވިއްޓޭ)އަދި ޙުސައިން އަލްމާސްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި މެޗުގައި ފާހަގަކޮށްލެވުނު އެންމެ ތަފާތު އެއް ކަމަކީ ބަގޭސްގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކީޕަރު އަޙްމަދު ޔޫސުފް ނިޔާޒާއި ބަދަލު ކީޕަރު މައިސާން މުޙައްމަދު ވެސް ކުރިއަށް އަރައި ޑީއެފްޓީގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް އުފެއްދުމެވެ.
އޭގެ ކުރިން ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުވެގެންދިޔައީ ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗަކަށެވެ. ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވިފައިވާ ވަރިހަމަ ޕްލަސް އިން މެޗުގެ ލީޑު ނެގީ ނަވީލް އަޙްމަދު ލަޠީފް ދިން ހިތްގައިމު ޕާހަކުން ޓީމުގެ ކެޕްޓަން ނިބާލް ނަޢީމް ޖަހައިދިން ލަނޑުންނެވެ. ނަމަވެސް، ތަޖުރިބާކާރު ކުޅުންތެރިން ގިނަ ބީއެސްސީ ލެޖެންޑްސްއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ރަވާހު މުޙައްމަދު ކާމިޔާބުކުރި ގޯލާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. މޮޅުވާން ދެ ޓީމަށްވެސް އިތުރު ލަނޑުތައް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މި މުބާރާތުގެ ފޯރިގަދަ އިތުރު ދެ މެޗެއް މިއަދު ހަވީރު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން، ހަވީރު 4:15ގައި އެންމެ ފަހުގެ ޗެމްޕިއަން ބަރާބަރު ފުޓްބޯލް ކުލަބުން ތާޓީ ޕްލަސްއާ ދެކޮޅަށް ނުކުންނައިރު، އޭގެ ފަހުން 5:15ގައި ޑިސީއެސްސީ ބައްދަލުކުރާނީ ޓީމް ކަހަނބާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.