ބ. ހިތާދޫ ކައުންސިލުން ކުރިއަށްގެންދާ "ހިތްފަހި ހިތާދޫ ފުޓްސަލް ފިއެސްޓާ 2026"ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިންމާލުމަށްފަހު، މުބާރާތުގެ އެންމެ ފޯރިގަދަ ކުއާޓަރ ފައިނަލްގެ މެޗުތައް މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މުބާރާތުގެ ގަދަ އަށް ޓީމު ވާދަކުރާ ކުއާޓަރ ފައިނަލްގެ ފުރަތަމަ ކުރިމަތިލުމުގައި މިއަދު ހަވީރު 4:30ގައި ބައްދަލުކުރާނީ ވަރިހަމަ ޕްލަސް އަދި ބަގޭސް ކަންމައްޗެވެ. މީގެ އިތުރުން ދެވަނަ މެޗުގައި ބަގޭސް ސްޕޯޓްސް ކްލަބާއި ވަރިހަމަ އެފްސީ ވާދަކުރާއިރު، ތިންވަނަ މެޗުގައި ކުޅޭނީ ބަރާބަރު އެފްސީއާއި ޓީމް ވެލާއެވެ. އަދި މި ބުރުގެ ފަހު މެޗުގައި ޑީސީއެސްސީ ނުކުންނާނީ ބަގޭސް ލެޖެންޑްސްއާ ދެކޮޅަށެވެ.
މުބާރާތުގެ ކުއާޓަރއިން ޖާގަ ހޯދި ޓީމުތަކަށް ބަލާއިރު، ގްރޫޕް އޭ އިން ކުރި ހޯދީ ވަރިހަމަ ޕްލަސްއާއި ބަގޭސް ލެޖެންޑްސްއެވެ. ގްރޫޕް ބީގެ އެއްވަނަ ބަގޭސް ސްޕޯޓްސް ކްލަބް ހޯދިއިރު ދެވަނަ ޓީމަކީ ޓީމް ވެލާއެވެ. ހަމައެހެންމެ، ގްރޫޕް ސީއިން ބަރާބަރު އަދި ވަރިހަމަ އެފްސީ ދެވަނަ ބުރަށް ދަތުރުކުރިއިރު، ގްރޫޕް ޑީއިން ކޮލިފައިވީ ޑީސީއެސްސީ އާއި ބަގޭސް ކަންމައްޗެވެ. މި މުބާރާތުގައި އެންމެ ދަށް ނަތީޖާއެއް ނެރުނީ މައިނަސް އަށާރަ ގޯލުގެ ތަފާތަކާ އެކު ކެޓި ތާޓީ ޕްލަސް އާއި މައިނަސް ސޯޅަ ގޯލާއެކު މުބާރާތާ އަލްވަދާއު ކިޔަންޖެހުނު ކަހަނބު ޓީމުންނެވެ.
ގިނަ ލަނޑުތަކެއް ފެނިގެންދާ މި މުބާރާތަށް ހިތާދޫގެ ރައްޔިތުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މޫސުން ގޯސްވި ނަމަވެސް، ވާރެޔާއި އަތްވަކަށް ބެލުމެއްނެތި ސަޕޯޓަރުން ދަނީ ދަނޑުދޮށަށް ޖަމާވެ ޓީމުތަކަށް ހިތްވަރު ދެމުންނެވެ. މި ފޯރިގަދަ މުބާރާތުގެ ބްރޯޑްކާސްޓިންގ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އެސްއެސް މީޑިއާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.