ފަރަންސޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ، އެމެރިކާގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި "ނައިކީ"އާއެކު ވޭތުވެދިޔަ 20އަހަރު ދުވަހު ބާއްވަމުން އައި ތާރީޚީ ގުޅުން ނިމުމަކަށް ގެނައުމަށް ފަހު، ސްވިޒަލެންޑުގެ ކުރިއަރަމުން އަންނަ ބްރޭންޑެއް ކަމަށްވާ "އޯން"އާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޓެނިހުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ލެޖެންޑް ރޮޖަރ ފެޑެރާގެ ހިއްސާ ވެސް އޮންނަ "އޯން"ކުންފުންޏާ އެމްބާޕޭ ގުޅުމަކީ، ފުޓްބޯޅައިގެ ސިނާޢަތަށް ވަނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ރަސްމީކޮށް މާލީ ތަފުސީލުތައް ހާމަކޮށްފައި ނުވި ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ފައިސާގެ އިތުރުން އެ ކުންފުނީގެ ހިއްސާ ވެސް އެމްބާޕޭއަށް ލިބޭނެކަމަށް ވަނީ ކަށަވަރުވެފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ފުރަތަމަ ފުޓްބޯޅަ ބޫޓު ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އަންނައިރު، ފަރަންސޭސި ކުރީގެ ތަރި ތިއެރީ އޮންރީ ވަނީ އެ ކުންފުނީގެ ފުޓްބޯޅައާ ބެހޭ އެންމެ އިސްވެރިޔާގެ މަޤާމަށް ހަމަޖައްސާފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންގެ ކެރިއަރުގެ ފަހުކޮޅާ ގާތްވަމުން އަންނަ ދަނޑިވަޅެއްގައި، ނައިކީން ދިޔައީ އެ ކުންފުނީގެ މައިގަނޑު މޫނުމަތީގެ ގޮތުގައި އެމްބާޕޭ ޕްރޮމޯޓުކުރަމުންނެވެ. އުމުރުން އެންމެ 9އަހަރުން ފެށިގެން ނައިކީގެ އެމްބެސެޑަރެއްގެ ގޮތުގައި ހުރި އެމްބާޕޭ ގެއްލުމަކީ، ދާދި ފަހުން ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްވެސް އެޑިޑާސްއާ ގުޅުމާ ގުޅިގެން މާޔޫސްކަމުގައި އޮތް ނައިކީއަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. މިއާއެކު، އައު ސީއީއޯ އެލިއަޓް ހިލްގެ ބެލުމުގެ ދަށުން ފުޓްބޯޅައަށް ޚާއްސަ ސަމާލުކަމެއް ދީގެން ނައިކީގެ ހިންގުން ހަރުދަނާކުރަން ފަށާފައިވާ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް އެޅިފައެވެ.
މި ބޮޑު ބަދަލާއެކު އޯން ކުންފުނީގެ ހިއްސާގެ އަގުތަކަށް ކުޑަ ކުރިއެރުމެއް އައިސްފައިވީ ނަމަވެސް، ނައިކީގެ ހިއްސާއަށް މާބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ. މާލީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، އިންވެސްޓަރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ނައިކީން ބާޒާރަށް ނެރޭ އައު އުފެއްދުންތަކަށެވެ. އެމްބާޕޭ ވަކިވުމާ ގުޅިގެން ނައިކީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ، އޭނާއާއެކު ހޭދަކުރި ކާމިޔާބު ދުވަސްތަކާ މެދު ފަޚުރުވެރިވާ ކަމަށާއި، ކުރިމަގުގައި ވެސް އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.
ނައިކީއަށް އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ، ފަރަންސޭސި ޤައުމީ ޓީމުގެ ޖާޒީ ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓް 2034ވަނަ އަހަރާ ހަމައަށް އައުކޮށްފައި އޮތުމާއި، އަންނަ އަހަރުން ފެށިގެން ޖަރުމަނު ޤައުމީ ޓީމުގެ ކިޓް ސްޕޮންސަރަކަށް އެ ކުންފުނި ހަމަޖެހިފައިވުމެވެ. އައު ކުންފުންޏާ އެކު ސޮއިކުރުމަށް ފަހު އެމްބާޕޭ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މިއީ އޭނާގެ ޙަޔާތަށް އައި ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މިހާރު އޭނާ ހުރީ އޭނާގެ އުއްމީދުތަކާ ގުޅޭ އައު އީޖާދުތަކެއް ކުރާ ބައެއްގެ މެދުގައި ކަމަށެވެ. މިއީ އެމެރިކާގެ ބާޒާރުން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ އޯން ކުންފުންޏަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.