ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާގައި ކުޅުނު ފޯރިގަދަ މެޗުގެ ފަހު ވަގުތުކޮޅު ލިބުނު ޕެނަލްޓީ ކީލިއަން އެމްބާޕޭއަށް ކާމިޔާބުނުކުރެވުމުގެ ނަތީޖާއަކަށްވީ، 1-0އިން ރެއާލް މެޑްރިޑް ބަލިވެ އެ ޓީމުގެ މޮޅުވުމުގެ ރެކޯޑަށް ރެއާލް ބެޓިސްއިން ނިމުން ގެނައުމެވެ.
މެޗުގެ ހަމައެކަނި ލަނޑު 81ވަނަ މިނެޓުގައި ބެޓިސްއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޓްރޯއީ ޕެރޮޓެވެ. ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރި ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ މި ލަނޑު ޖެހިއިރު، މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަކުރަން ރެއާލްއަށް ލިބުނު ރަނުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ބެޓިސްގެ ނަތާން، ވިނީޝިއުސް ޖޫނިއަރއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ އެމްބާޕޭ ފޮނުވާލުމުން، ކީޕަރު އަލްވާރޯ ވަލޭސް ވަނީ ވަރަށް ހުޝިޔާރުކަމާ އެކު ދިފާއުކޮށް ބެޓިސްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި މެޗުގައި ރެއާލްއިން ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، ޕެރޮޓް ލަނޑުޖެހިތާ ކުޑަ އިރުކޮޅެއް ފަހުން އެމްބާޕޭގެ ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން ވިނީޝިއުސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަދަލު ކުޅުންތެރިޔާ ކާލޯސް އެސްޕީ އޯވަހެޑް ކިކަކުން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް މެދުވެރިކޮށް ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. އަނެއްކޮޅުން ބެޓިސްގެ ނެލްސަން ޑިއޯސާ ފަހު ވަގުތު ދުރުން ފޮނުވާލި ބޯޅައެއް ކޯޓުއާ ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، މުޅި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި ކުޅުންތެރިންނާމެދު ކުރާނެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި މި މެޗުން މޮޅުވާން ރެއާލްއަށް ހައްގުކަމުގައި ވިޔަސް، ހަމައެކަނި މޮޅުވާން ހައްގުވުމަކީ ޕޮއިންޓް ލިބޭނެ ސަބަބެއް ނޫންކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން ޕެނަލްޓީއަކީ މުޅި ޓީމުގެ ޒިންމާއެއްކަން ފާހަގަކޮށް މޮރީނިއޯ ބުނީ، ބެޓިސްގެ ކުޅުންތެރިންގެ ކިބައިން ފެނުނީ އަމިއްލަ ދަނޑާއި ސަޕޯޓަރުންގެ ކުރިމަތީގައި ހީލަތްތެރިކަމާ އެކު ފައިދާ ނެގުމުގެ ހުނަރުވެރިކަން ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.